ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޗެމްޕިއަން މާޒިޔާ އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 2-1 އިންނެވެ. ބާކީ ތިން މެޗު އޮއްވައި މާޒިޔާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މިއަދުގެ މޮޅާއެކު މާޒިޔާ އަށް ވަނީ 19 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

މާޒިޔާ އަށް ޗެމްޕިއަންކަން ލިބުމުން މިހާރު އެންމެ ފޯރި ހިފާފައިވަނީ ތާވަލުގެ ދެވަނަ އަށެވެ. 18 މެޗުން 36 ޕޮއިންޓް ކޮށްގެން މިވަގުތު ކްލަބް އީގަލްސް ދެވަނައިގައި އޮތް އިރު 34 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކްލަބުން އަންނަނީ ތިންވަނައިގައި އޮވެ އީގަލްސް އަށް ޕްރެޝަރު ބޮޑުކުރަމުންނެވެ. 26 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވުމުން ގަދަ ހަތަރަށް އެރުމަށް ދަ ގްރާންޑޭ އިން ކުރަން ޖެހޭ މަސަތްކަތަށް އަނެއްކާވެސް ވަނީ ހުރަސްތަކެއް އެޅިފައެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

ޗެމްޕިއަންކަން ކަށަވަރުވެފައި އޮތުމުން މާޒިޔާ އިން މިއަދު ނެރުނު ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިގެންދިޔައެވެ. އެގޮތުން އާއްމުކޮށް ފުރަތަމަ އެގާރައިން ފެންނަ އަހުމަދު އިރުފާން (އިރޭ) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ބިދޭސީ ފޯވަޑް ކޮނޭލިއަސް ސްޓެވާޓް މެޗު ފެށީ ބެންޗުންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް މާޒިޔާ އިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އަލީ ސަމޫހް (ސަމުއްޓޭ) ޖައްސާލި ބޯޅައެއްގައި މި ލަނޑު މާޒިޔާ އަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުހައްމަދު ޝާރިފް އެވެ. އޭގެ ތިން މިނެޓު އޮބައިދާ ކަދޫމް އަހުމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާގެ ގޯލު ފޫއަޅުވާލައި ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މާޒިޔާ އިން މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޓެވާޓް ޖެހި ލަނޑުންނެވެ. އިބްރާހީމް ވަހީދު ހުސައިން (އިއްބެ ވަހީދު) ނަގައިދިން ހުރަހެއްގައި ތަނަވަސްވި ފުރުސަތަކުން ސްޓެވާޓް މި ލަނޑު ކާމިޔާބުކުރިއިރު އޭގެ ފަހުން ލީޑު ފުޅާކުރަން އޭނާ ފޮނުވާލި ހަމަލާއެއް ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ އިއްބެ ވަހީދު އެވެ.

ލީގުގައި މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ހަވަނައިގައި އޮތް ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.