ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ކީލިއަން އެމްބާޕެގެ ސޮއި ހޯދުން ވެގެންދާނީ ލިވަޕޫލަށް ކުރިމަތިވާނެ ބޮޑު ބޮލުގެ ރިހުމަކަށް ކަމަށް ފަބީނިއޯ ބުނެފިއެވެ.

ފްރާންސްގެ އުމުރުން އެންމެ 21 އަހަރުގެ އެމްބާޕެ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިއާއެވެ. ފާއިތުވެދިޔަ ތިން އަހަރުން ފެށިގެން ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ އަށް ފާރަލަމުން އަންނަ އިރު މިހާރު ލިވަޕޫލް އިން ވެސް އެމްބާޕެގެ ސޮއި ހޯދުމުގެ ރޭހަށް ވަންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށައިފައެވެ.

އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ ބުނީ އެމްބާޕެ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ލިވަޕޫލް ޓީމަށް އޭނާ ފިޓްކުރާނެ ގޮތެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށެވެ.

" މިވަގުތު ލިވަޕޫލުން އޭނާ ހޯދަން ހިފައިނަމަ އެއީ މި ޓީމަށް ކުރިމަތިވާނެ ބޮޑު ބޮލުގެ ރިހުމެއް. ސަބަބަކީ ލިވަޕޫލްގެ އެޓޭކިންގް ޓްރިއޯ އަކީ މުޅި ޔޫރަޕުން ވެސް ނަގާލެވޭ އެންމެ މޮޅު އެޓޭކް. އެކަމަކު އަހަންނަށް އިނގޭ އެމްބާޕެ އަކީ ހުނަރުވެރި ކުޅުންތެރިއެއްކަން. އޭނާ އަކީ މިހާރުވެސް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭ ހިމެނޭ ތަފާތު ޕްލޭޔަރެއް. އެހެންކަމުން އޭނާ އާއެކު ކޮންމެ ޓީމެއް ވެސް ކުރިއަރާނެ ކަން ޔަގީން. އެކަމަކު މިވަގުތު އޭނާ އެހެރީ ޕީއެސްޖީގައި، އަހަރެމެން އެއަށް އިހުތިރާމް ކުރާނަން، " ފަބީނިއޯ ބުންޏެވެ.

ދާދި ފަހުން މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕެ ވަނީ ލިވަޕޫލަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އެމްބާޕެ ލިވަޕޫލަށް ބަދަލުވެދާނެ ކަމުގެ އަޑުތައް ގަދަވަމުންދާއިރު އޭނާގެ ސޮއި ހޯދަން ލިވަޕޫލުން މަދުވެގެން 328 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.