"ވަގުތު ފުޓްސަލް ޗެލެންޖް 2020" ގެ އޮފިޝަލް ބޯޅަ، "ކިންގް ސްޕޯޓްސް" އިން ސްޕޮންސާ ކޮށްފިއެވެ. މިއީ މި މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސާ ކުރި ފުރަތަމަ ފަހަރެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރައްވަމުން، ކިންގް ސްޕޯޓްސް ގެ މާކެޓިން މެނޭޖަރު އަބްދުﷲ ލިއުޝާދު ވިދާޅުވީ، ވަގުތު ފުޓްސަލް ޗެލެންޖްގެ އޮފިޝަލް ބޯޅަ ސްޕޮންސާ ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ، ލިބޭ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށާއި، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ބައިވެރިއަކަށް ވެވުނީތީ، އެކަމާއި އުފާ ކުރާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް. ވަގުތު ފުޓްސަލް މުބާރާތަކީ ރާއްޖޭގަ ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް. މި މުބާރާތް ކުޅޭ ރަސްމީ ބޯޅަ އަންނަ ހަފްތާގައި އަޅުގަނޑުމެން އިޢުލާން ކުރާނަން. ނައިކް ބްރޭންޑް ގެ އެންމެ ފަހުގެ ބޯޅަ އަށް އަޅުގަނޑުމެން މި ބަލަނީ. އިދާރަކުރެއްވިއްޔާ އަންނަ ހަފްތާގަ އަޅުގަނޑުމެން އެ ބޯޅަ ދައްކާލާނަން." ލިއުޝާދު ވިދާޅުވިއެވެ.

ކިންގް ސްޕޯޓްސް އަކީ، 2016 ވަނަ އަހަރުން ފެށިގެން، ކުޅިވަރުގެ އެކި އެކި ސާމާނު، ހެޔޮ އަގެއްގައި ވިއްކަމުން އަންނަ، އަދި ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ބްރޭންޑް އެކެވެ.

ކިންގް ސްޕޯޓްސް އިން ތައްޔާރުކޮށްފައިވާ ޖާރޒީއެއް : ފޮޓޯ ކިންގް ސްޕޯޓްސް

 

"އެ ޓީމަކުން ބޭނުންވާ ގޮތަކަށް ޖާރޒީވެސް އަޅުގަނޑުމެން ހަދައިދެން. މީގެ އިތުރުން، އިވެންޓް ޓީޝާޓް ވެސް. ހަމައެހެންމެ، ޓްރޮފީ، ބެނާ ވެސް އަޅުގަނޑުމެން ތައްޔާރުކޮށްދެން. ފުޓްސަލް ބޯޅަ އަށް ބެލިޔަސް އެންމެ ފަހުގެ، އޮރިޖިނަލް ބޯޅަ އަޅުގަނޑުމެން ގެންގުޅެން. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކޮލިޓީ ޖާރޒީ ޑިޒައިންކޮށް، ސްޕޯޓްސް އައިޓަމްސް އަދި ފުޓްސަލް ބޯޅަ އެންމެ އަގު ހެޔޮކޮށް، ކަސްޓަމަރުންނަށް ޑެލިވާ ކޮށްދިނުން. އެއީ، ސިންގަޕޫރުން ޑައިރެކްޓްލީ އެތެރެކޮށްގެން ނައިކް ބޯޅަ އަޅުގަނޑުމެން މި ގެންނަނީ." ލިއުޝާދު ވިދާޅުވިއެވެ.

ވަގުތު އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އަގުބޮޑު ފުޓްސަލް މުބާރާތް މި އަހަރު ވެސް ބާއްވަން ހަމަޖެހިފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. އެހެންކަމުން މުބާރާތް ކުރިއަށް ދާނީ "ޑްރީމްސް ޕިއްޒާ" "ވަގުތު ފުޓްސަލް ޗެލެންޖް"ގެ ނަމުގައެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ.

"ވަގުތު ފުޓްސަލް މުބާރާތަކީ" ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފަ އެވެ. މިިދިޔަ އަހަރުގެ މުބާރާތުގެ ޖުމްލަ އަގަކީ 150،000 ރުފިޔާ އެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ މި ދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، އެފްސީ އުސްގަނޑަ : ވަގުތު އިމޭޖަސް: އިބްރާޙިމް ޝާބިލް

ފައިސާގެ އިނާމަށް ގެނައި ބަދަލާއެކު މި އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާ ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް ބޮޑު ކޮށްފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 7999681 އަށެވެ.

ޖުމްލަ 16 ޓީމާއެކު ސ. ހިތަދޫގައި ކުރިއަށްދިޔަ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އެފްސީ އުސްގަނޑައެވެ. މިހާތަނަށް ވަގުތު އިން ބޭއްވި ތިން މުބާރާތް 16 ޓީމަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 24 ޓީމަކަށް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގެ ބޯޅަ ސްޕޮންސާ ކޮށްފައިވާ، ކިންގް ސްޕޯޓްސް ހުންނާނީ، މާފަންނު އިހުސާން ފިހާރަ ކައިރީގައެވެ. އެ ތަނަށް ގުޅޭނެ ނަމްބަރަކީ، 7641884 މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔޫޢާން

    މިފަހަރު ފޯރިގަދަވާނެހެން ހީވޭ

  2. ޗެމްޕިއަން

    ޥަގުތު ކަޕް އަށް ރެޑީ ވާންޥީ. މި ފަހަރު ތަށި ދިފާއު ކުރަން ވާނެ ކުދިންނޭ

  3. އުސްގަޑަ

    އެފް.ސީ އުސްގަނޑަ މިހާރު ކުރިޔަށްވުރެ ވަރުގަދަ ކަމަށް ބެލެވެނީ.މި ފަރުވެސް ސީދާ ތައްޓަށް.ވަގުތު ޗެލެންޖު ކަޕް މިއީ އަހަރެމެންގެ މުޅި ފޯކަސް.

    2
    1
  4. މުހައްމަދު

    ކޮންއިރަކު އޮންނަނީ