ފައިނަލުގައި އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ކުރިހޯދައި ފާތިމަތު ދީމާ އަލީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ދިފާއުކުރިއިރު، ޝައްފާން އިސްމާއިލް ބަލިކޮށް މޫސާ މުންސިފް އަހުމަދު 10 ވަނަ ފަހަރަށް ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުތަކަށްފަހު ދީމާ އާއި މުންސިފަށް ތަށި ދެއްވީ ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ހުސެއިން މުހައްމަދު އެވެ.

އަންހެން ސިންގަލްސް ފައިނަލުގައި ރަފާ ނާޒިމްގެ މައްޗަށް ދީމާ ކުރިހޯދީ ސީދާ ހަތަރު ސެޓުންނެވެ. ޓީޓީ މުބާރާތުގެ އަންހެން ސިންގަލްސް ތަށި މިލްކުކުރަން ނުކުތް އައިޝަތު ރަފާ ނާޒިމް ބަލިކޮށް މިދިޔަ އަހަރު ދީމާ ފުރަތަމަ ފަހަރަށް ގައުމީ ތަށި ހޯދީ އުމުރުން އެންމެ 11 އަހަރުގައެވެ. މިދިޔަ އަހަރުގެ ތައްޓާއެކު ދީމާ ވެގެންދިޔައީ ޓީޓީ ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. މިއަދުގެ މޮޅާއެކު ދީމާ ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލުގައި ރަފާ ބަލިކޮށް، އަންނަ އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.

ދީމާ އަށް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ހުސެއިން މުހައްމަދު ތަށި ދެނީ: ފޮޓޯ: ވަގުތު އިމޭޖަސް/ އަޝްހާދު އަބްދުﷲ

ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ރަފާ ލީޑުގައި އޮއްވާ ދީމާ ފަހަތުން އަރައި ސެޓު ގެންދިޔައީ 1-7 އިންނެވެ. ފުރަތަމަ ސެޓު ދިޔަގޮތަށް ދެ ވަނަ ސެޓުގައި ވެސް ރަފާ ލީޑުގައި އޮއްވާ ދީމާ ވަނީ ފަހަތުން އަރައި ހަމަ އެ ނަތީޖާ އިން ސެޓު ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓުގައި ރަފާގެ ފަރާތުން ރަނގަޅު ވާދައެއް ފެނިގެންދިޔަ ނަމަވެސް ދީމާ ވަނީ މި ސެޓުގެ ފަހުކޮޅުގައިވެސް މޮޅު ކުޅުމެއް ދައްކައި 11-9 އިން ސެޓު ކާމިޔާބުކޮށްފައެވެ. ދީމާ ގައުމީ ތަށި ދިފާއުކުރީ ހަތަރު ވަނަ ސެޓު 11-6 އިން ކާމިޔާބުކޮށްގެންނެވެ.

ޓީޓީގެ ފިރިހެން ތަށި މުންސިފް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ހޯދީ ފައިނަލުގައި 4-1 އިން ޝައްފާން ބަލިކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ޝައްފާންގެ މައްޗަށް މުންސިފް ކުރިހޯދީ ހަމަ މި ނަތީޖާއިންނެވެ. މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް މުންސިފް ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 14-12 އިންނެވެ. ދެވަނަ ސެޓު 12-10 އިން ކާމިޔާބުކޮށް މުންސިފް ލީޑު ނެގި ނަމަވެސް ޝައްފާން ވަނީ ތިން ވަނަ ސެޓު 11-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އުއްމީދު އާކޮށްފަ އެވެ. އެކަމަކު ޖެހިގެންއައި ދެ ސެޓުގައި ޝައްފާން އަށް މުންސިފް ހިފެހެއްޓޭ ގޮތެއްނުވިއެވެ. ފަހު ދެ ސެޓު ކާމިޔާބުކޮށް މުންސިފް 10 ވަނަ ތަށި ކަށަވަރު ކުރީ 11-9 އިން އަދި 11-5 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުންސިފް އަށް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ހުސެއިން މުހައްމަދު ތަށި ދެނީ: ފޮޓޯ: ވަގުތު އިމޭޖަސް/ އަޝްހާދު އަބްދުﷲ

އަންހެން ސިންގަލްސް ފައިނަލުން ބަލިވި ނަމަވެސް ރަފާ ވަނީ ލައިސާ ފަތުހުﷲގެ ޕެއާ އެކު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. ރަފާ އާއި ލައިސާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ދީމާ އާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ރަފާ ވަނީ މުންސިފްގެ ޕެއާ އެކު މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ރަފާ އާއި މުންސިފްގެ ޕެއާ މިކްސް ޑަބަލްސް ބައިގެ ތަށި ހޯދީ ފައިނަލުގައި މުހައްމަދު ޒީސްތު ނަސީމާއި ލައިސާގެ ޕެއާ ބަލިކޮށްގެންނެވެ.

މުބާރާތުގެ ސިންގަލްސް ފައިނަލުން ބަލިވި ޝައްފާން އާއި ޒީސްތުއާގެ ޕެއާ ވަނީ ފައިނަލުގައި މުންސިފް އާއި އަލީ އާދަމް މަނިކުގެ ޕެއާ ބަލިކޮށް ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައެވެ.