ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ކްލަބު ޕީކޭ އިން ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޕީކޭ އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ޕީކޭ އިން ލީޑު ނެގީ މި ހާފުގެ ފަހު މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޝިފާޒް އާދިލް އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ޕީކޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޕީކޭ ފެނުނީ ވަރުގަދަ ކޮށެވެ. އެގޮތުން ޕީކޭ އިން ކުޑަހެންވޭރުގެ ގޯލަށް ނުރައްކާ ކުރަމުންގޮސް އެންމެ ފަހުން 50 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯޑު ޕްރިންސް އެވެ.

ކުޑަހެންވޭރުން ފަރަގު ކުޑަކުރީ މެޗުގެ 79 ވަނަ މިނެޓުގައި މުޙައްމަދު ނާޝިދު އަޙްމަދު ނަސީމް ކާމިޔާބުކުރި ލަނޑުންނެވެ. ނަތީޖާ އެއްވަރު ކުރުމަށް އެ ލަނޑަށްފަހު ވެސް ކުޑަހެންވޭރުން އިތުރު ހަމަލާތަކެއް އިދިކޮޅު ގޯލަށް ފޮނުވާލި ނަމަވެސް އެ ބޯޅަތައް ޕީކޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދަނީ ގްރޫޕް ސްޓޭޖު އުސޫލުންނެވެ. އެގޮތުން ނުވަ ޓީމަކުން ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ދާނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.