އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ބުރުގައި ހަލް ސިޓީގެ މައްޗަށް ކުރިހޯދައި ޗެލްސީން މުބާރާތުގެ ގަދަ ސޯޅައިގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އެފްއޭ ކަޕްގައި ރޭ ރަށުން ބޭރުގައި ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ޗެލްސީ އިންނެވެ. ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޗީ ބަޓްޝުއާއީ އެވެ. އޭގެ ފަހުން ރޮސް ބާކްލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފިކާޔޯ ޓޮމޯރީ ބޮލުން ޖެހި ލަނޑުން ޗެލްސީ އިން ލީޑު ފުޅާކުރި އިރު ހަލް ސިޓީ އަށް ފަރަގު ކުޑަކޮށްދިނީ މެޗު ނިމެން 12 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކަމިލް ގްރޮސިކީ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ހަތަރު ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ ލަމްޕާޑު ވަނީ މިދިޔަ ސީޒަނުގައި ޑާބީ ކައުންޓީ އާއެކު މި މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރު ކޮށްފައެވެ. ގަދަ ސޯޅައިން އެފަހަރު ޑާބީ ކައުންޓީ މުބާރާތާ އަލްވަދާއުކީ ބްރައިޓަން އަތުން ބަލިވުމުންނެވެ.

ޗެލްސީ މޮޅުވިއިރު ރޭ ކުޅުނު އެހެން މެޗެއްގައި ސައުތޭމްޓަން ވަނީ 1-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ހިފަހައްޓައިފައެވެ. އެސްޓީ މޭރީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 58 ވަނަ މިނެޓުގައި ދެކުނު ކޮރެއާ ފޯވަޑް ސޮން ހިއުންގް މިން ޖެހި ލަނޑުން ޓޮޓެންހަމް މޮޅަކާ ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް ސައުތޭމްޓަން އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 87 ވަނަ މިނެޓުގައި ސޮފިއޭން ބޯފަލް އެވެ. މި މެޗު އެއްވަރުވުމުން ގަދަ ސޯޅައިން ޖާގަ ހޯދާ ޓީމެއް ކަށަވަރު ކުރަން މިދެޓީމު އަލުން ރިޕްލޭ މެޗެއްގައި ވާދަކުރާނެއެވެ.