ފްރެންކްފާޓް އަތުން ލީޕްޒިގް ބަލިވުމުގެ ފައިދާ ނަގައި ބަޔާން މިއުނިކް އިން ޝާލްކޭގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި ޖަރުމަން ބުންޑެސްލީގާ ތާވަލުގެ އެއްވަނަ މަގާމާއި ޕޮއިންޓަކަށް ކައިރިކޮށްފިއެވެ.

އަލަޔާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ޝާލްކޭގެ މައްޗަށް ބަޔާނުން ކުރިހޯދީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީ ބަޔާނަށް ލީޑު ނަގައިދިން އިރު މި ހާފުގެ ފަހު މިނެޓުގައި ތޯމަސް މުލާ ޖެހި ލަނޑުން ބަޔާނުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެ އެވެ. މުލާގެ މި ލަނޑަކީ އަލަޔާންޒް އެރީނާގައި އޭނާ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ލިއޯން ގޮރެޓްޒްކާ ބަޔާންގެ ތިންވަނަ ލަނޑު ޖެހި އިރު އޭގެ އަށް މިނެޓު ފަހުން އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ލެވަންޑޯސްކީ ދިން ބޯޅައެއްގައި ތިއާގޯ އަލްކަންޓާރާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ބަޔާނުގެ ފަސްވަނަ ލަނޑު ޖެހީ ޒުވާން ފޯވަޑް ސާޖް ގްނަބްރީ އެވެ.

މި މެޗުގައި ޕޮލަންޑު ފޯވަޑް ލެވަންޑޯސްކީ ޖެހި ލަނޑާއެކު މިސީޒަނުގައި އޭނާ ކާމިޔާބުކޮށްފައިވާ ލީގު ލަނޑުގެ އަދަދު ވަނީ 21 އަށް އަރައިފައެވެ. މިފަހަރުގެ ޔޫރަޕިއަން ގޯލްޑެން ބޫޓްގެ ވެސް ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވާ ލެވަންޑޯސްކީގެ ފަހަތުން ބުންޑެސްލީގާ ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 20 ލަނޑާއެކު ލީޕްޒިގް ފޯވަޑް ޓިމޯ ވާނާ އެވެ.

މި މޮޅާއެކު ބަޔާނުން ވަނީ 19 މެޗުން 39 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނަ އަށް ޖެހިލައިފައެވެ. ލީޕްޒިގް އެއްވަނައިގައި އޮތީ 40 ޕޮއިންޓާއެކުއެވެ.