އިނގިރޭސިވިލާތުގެ އެވަޓަން އަށް ކުޅެމުން އަންނަ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑްގެ ކައިވެނި އަންނަ ޖޫން މަހު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އިންގްލަންޑުގެ ގައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓަމުން އަންނަ އުމުރުން 25 އަހަރުގެ ޕިކްފޯޑު އޭނާގެ ލޯބިވެރިޔާ މޭގަން ޑެވިސަންއާ އެންގޭޖުވީ މީގެ ދެ އަހަރު ކުރިން ރަޝިޔާގައި އޮތް ވޯލްޑްކަޕުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް އެފަހަރު އެ ދެ ލޯބިވެރިންގެ ކައިވެނި ލަސްކުރީ މޭގަން ބަލިވެ އިނުމުގެ ސަބަބުންނެވެ. ރައްޓެހިވުމުގެ ކުރިން ވެސް މި ދެ މީހުންނަކީ މަދަރުސާ ދައުރުންސުރެ ވަރަށް ގާތް ދެ މީހުންނެވެ. އެގޮތުން ޕިކްފޯޑާއި މޭގަން އެންމެ ފުރަތަމަ ދިމާވީ އެ ދެމީހުންނަށް އެންމެ 14 އަހަރުގައި ކަމަށް ރިޕޯޓައް ބުނެއެވެ.

ޕިކްފޯޑު އޭނާގެ އާއިލާ އާއި ގާތް ރައްޓެހިންނާއެކު މެއި މަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް އަންނާނެ އެވެ. ކައިވެނި އޮތީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފު ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން ރާއްޖޭގައި ކައިވެނި ކުރުމަށްފަހު އިނގިރޭސިވިލާތުގެ ސަންޑަލޭންޑުގައި ބޮޑު ޕާޓީއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ސަންޑަލޭންޑަކީ މި ދެ ލޯބިވެރިން ކުޑައިރު ދިރިއުޅުނު ސިޓީއެވެ.

އެމެރިކާގައި ލަސް ވޭގަސް އަށް ހަނީމޫނަށް ފުރުމުގެ ކުރިން ކައިވެންޏަށް ޕިކްފޯޑާއެކު ރާއްޖެ އަންނާނެ ކަމަށް ބެލެވޭ މަޝްހޫރު ކުޅުންތެރިންނަކީ އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ދެ ޑިފެންޑަރުން ކަމަށްވާ ކިއެރަން ޓްރިޕިއާ އާއި ކައިލީ ވޯކާ އެވެ.

ޕިކްފޯޑް ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގައި މޮޅަށް ކުޅެ އިނގިރޭސިންނަށް މުބާރާތުގެ ހަތަރު ވަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. މީގެ ދެ އަހަރު ކުރިން އެވަޓަން އަށް ބަދަލުވި ޕިކްފޯޑަކީ އިނގިރޭސި ކީޕަރުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިއާ އެވެ. އޭނާ އަށް ހަފުތާއަކު 90000 ޕައުންޑް ލިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.