ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިއާ ކޯބީ ބްރަޔާންޓް މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ބްރަޔާންޓް މަރުވީ އޭނާގެ ޕްރައިވެޓް ހެލިކޮޕްޓަރެއްގައި އިތުރު ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރަޔާންޓް މަރުވި އިރު އޭނާގެ އުމުރަކީ 41 އަހަރެވެ. 1996 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ބްރަޔާންޓް ވަނީ ނެޝަނަލް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެންބީއޭ)ގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ލޮސް އެންޖެލެސް ލޭކާސް ޖާޒީގައި ކުޅެ ފަސް ފަހަރެއްގެ މަތިން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ބްރަޔާންޓް ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ދެ ފަހަރު އެންބީއޭ ފައިނަލްސްގެ އެމްވީޕީ އެވޯޑު ހާސިލްކޮށްފައެވެ. ކްލަބު ލެވެލްގެ އިތުރުން ގައުމީ ފެންވަރުގައިވެސް ބްރަޔާންޓް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެމެރިކާ އާއެކު 2008 ވަނަ އަަހަރު ޗައިނާގެ ބެއިޖިންގައި އޮތް އޮލިމްޕިކް ގޭމްސްގެ އިތުރުން 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ބާސެކްޓް އިވެންޓުން ބްރަޔާންޓް ވަނީ ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ބްރަޔާންޓް ވަނީ ގައުމީ ޓީމާއެކު 2007 ވަނަ އަހަރު އޮތް ފީބާ އެމެރިކާސް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައެވެ.

ބްރަޔާންޓްގެ މަރާއެކު މުޅި ބާސެކެޓްބޯޅަ ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު ބާސްކެޓުގެ ނަން މަޝްހޫރު ގިނަ ތަރިން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. ބްރަޔާންޓް މަރުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކުރި ޓްވީޓަކީ އެމެރިކާގެ ބާސްކެޓު ކުޅުންތެރިއާ ލެބްރޮން ޖޭމްސް އަށް ކުރި މަރުހަބާގެ ޓްވީޓެކެވެ. އެންބީއޭ ޗެމްޕިއަންޝިޕްގެ ޕޮއިންޓް ލިސްޓުގައި ބްރަޔާންޓް ފަހަތަށް ޖައްސާލައި ޖޭމްސް ތިންވަނަ އަށް ޖެހިލުމުން ބްރަޔާންޓް ވަނީ އޭނާގެ ޓްވީޓުގައި ޖޭމްސް އަށް ތައުރީފްކޮށް މަރުހަބާ ކިޔައިފައެވެ.

ބްރަޔާންޓް މަރުވިއިރު އޭނާގެ އަންބަކާއި ހަތަރު ދަރިން ދުނިޔޭގައި އެބަތިއްބެވެ.