ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ވަކިކޮށް އެ މަގާމު ހަވާލުކުރި ނެދަލޭންޑްސްގެ މާޓިން ކޫޕްމަން އަށް ދިން ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕަށް ޓީމު ކޮލިފައިކޮށްދިނުމާއި އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ސުޒުކީ ކަޕްގެ ތަށި ދިފާއު ކުރުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އައު ކޯޗު ކޫޕްމަން އާއި ގައުމީ ޓީމު ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމް އެންމެ ފުރަތަމަ ނުކުންނާނީ އޭޝިއަން ކަޕް ކޮލިފައިންގް މެޗެއްގައި އަންނަ މާޗް މަހު ރަށުން ބޭރުގައި ޗައިނާ އާއި ދެކޮޅަށެވެ. އޭގެ ފަހުން މާޗް 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ދެކޮޅަށް ކުޅޭއިރު ކޮލިފައިންގެ ފަހު މެޗުގައި ޖޫން މަހުގެ ނުވަ ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ކުރިން ސައުދީ އަރަބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސަތްކަތްކޮށްފައިވާ ކޫޕްމަންގެ ކޮންޓްރެކްޓަކީ ދެ އަހަރުގެ މުއްދަތެއް ނަމަވެސް އޭނާ އާއި މިވަގުތު ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ޓާގެޓުތަކެއް ކަމަށް އެފްއޭއެމް އިން މައުލޫމާތުދެ އެވެ.

ގައުމީ ކޯޗަކަށް ކޫޕްމަން އާއި އެސިސްޓެންޓް ކޯޗަކަށް މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކް ހަމަޖެއްސުމަށް އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ރައީސް ބައްސާމް ވިދާޅުވީ މިވަގުތަށް ކޫޕްމަން އާއި ހަވާލުކޮށްފައިވާ މަސަތްކަތަކީ އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރު ކޮށްދިނުމާއި ސުޒުކީ ކަަޕް ދިފާއުކުން ކަމަށެވެ. އަދި ސުޒުކީ ކަޕަށްފަހު ކޫޕްމަންގެ މަސައްކަތް އިވެލުއޭޓްކޮށް އަނެއްކާވެސް އައު ޓާގެޓުތަކެއް ހަވާލު ކުރައްވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކޫޕްމަން އަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެފްއޭއެމްގެ މެނޭޖުމަންޓުން ފުރިހަމަ އަށް ދޭނެ ކަމަށާއި ކޯޗު ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނެކަމަށެވެ.

ކޫޕްމަން އާއި ހަވާލުކޮށްފައިވާ ޓާގެޓު ތަކާ ގުޅޭގޮތުން އޭނާ ބުނީ އެއީ ހާސިލް ނުކުރެވޭނެ ކަންތަކެއް ނޫން ކަމަށާއި، އެކަން ކުރަން ތައްޔާރަށް ހުރިކަމަށެވެ. އަދި ޓީމާއެކު ރަނގަޅު ކާމިޔާބީއެއް ހޯދަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ގައުމީ ޓީމަކީ އޭޝިއަން ކަޕަށް ކޮލިފައިވެވޭ ފެންވަރު ހުރި ޓީމެއް ކަމަށް ކޫޕްމަން ފާހަގަކުރި އެވެ. މީގެ އިތުރުން ގައުމީ ޓީމަށް ކުޅުންތެރިން ނަގާ އިރު، ކުޅުންތެރިންގެ އުމުރަށް ނުބަލާނެ ކަމަށާއި އެއީ މޮޅު ކުޅުންތެރިއެއް ނަމަ ޓީމުން ފުރުސަތު ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް ކޫޕްމަން ބުންޏެވެ.

އޭޝިއަން ކަޕް އިން ފުރުސަތެއް ހޯދަން ރާއްޖެ އިން މަސަތްކަތް ކުރަމުންދާއިރު ކުރިއަށް އޮތީ ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ އެންމެ އުނދަގޫ މެޗުތަކެވެ. ކޮލިފައިންގެ އަނެއް ބުރުން ޖާގައެއް ހޯދަން ބޭނުން ނަމަ އެ ތިން މެޗުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ހަތަރުވަނައިގައި ހަ ޕޮއިންޓާއެކު ރާއްޖެ އޮތް އިރު މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޕޯޓަރެއް

    ދަގަނޑޭއަށް ފުރުސަތު ދޭނެކަމަށް އުއްމީދު ކުރަން.?

  2. ސަޕަޓު

    މިހަަރު އަދިކިރިޔާ ތިވިސް
    ނުނީ... އެކަމުޥޭސް ބަސްޢާމް ޢިސްތިޢުފާ...