ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ އިންތިޒާމްތައް ފުރިހަމަ ދުވުގެ އިވެންޓް ކަމަށްވާ ކޮކާކޯލާ ލޯންގް ރަން 2018ގެ ޕްރީ އިވެންޓް ބާއްވައިފިއެވެ.

މިރޭ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ، ޓީއެފްޖީއަކީ ކަސްރަތުގެ ކުންފުންޏެއް ކަމަށާއި ކަސްރަތަކީ ވަރަށް ޒުވާން ކަމެއް ކަމަށެވެ. އޭނާ ވަނީ މިއިވެންޓް ރޭވިގެން އައި ގޮތައް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ދިވެހިރާއްޖޭގައި އަލަށް ކަސްރަތު ކުރާ ތަނެއް, ކޮމާޝިއަލް ތަނެއް ހުޅުވުނީ 1989 ގައި އަންހެންވެރިން ނަށާ ޒާތުގެ ކަސްރަތު ކުރަން ފެށީ 1990 ގައި. މިހާރު މި އުޅެނީ 2018 ގައި. 2018 ވަނަ އަހަރު އައި އިރު ޓީއެފްޖީ ވުޖޫދަށް އައީ 2010 ވަނަ އަހަރު އެހެން ކަމުން ޓީއެފްޖީ 8 އަހަރު ފުރިހަމަ ކުރަމުންދާއިރު, އެގޮތުން ދުވުމުގެ ރިކްރިއޭޝަނަލް އިވެންޓެއް ބާއްވަން ފުރަތަމަ ހިޔާލު އައީ 2012 ވަނަ އަހަރު" ޒިނާން ވިދާޅުވިއެވެ.

ޓީއެފްޖީ އިން ކުރިއަށް ގެންދާ ކޮކާކޯލާ ލޯންގް ރަންގެ ޕްރީ އިވެންޓް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޓީއެފްޖީ އިން ކުރިއަށް ގެންދާ ކޮކާކޯލާ ލޯންގް ރަންގެ ޕްރީ އިވެންޓް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިރޭ ބޭއްވި ހަފްލާއަކީ އޭޕްރީލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ކޮކާ ކޯލާ ލޯންގް ރަންގެ ޕްރި އިވެންޓެވެ.

"ރަން އިން މޯލްޑިވްސް"ގެ ނަމުގައި ޓީއެފްޖީ އިން މިރޭ ވަނީ މަޖައްލާއެއް ވެސް ނެރެފައެވެ. މިއީ ދުވުމަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރުނު ފުރަތަމަ މަޖައްލާއެވެ. މަޖައްލާ ނެރެދެއްވީ ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާންއާއި ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީއެވެ.

ޓީއެފްޖީން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރަން އިން މޯލްޑިވްސްގެ ހަތަރު އަދަދު ނެރުމަށް ހަމަޖެހިފައިވެއެވެ. މިރޭ ނެރެފައިވަނީ މިއަހަރުގެ ފުރަތަމަ އަދަދެވެ.

ޓީއެފްޖީ އިން ކުރިއަށް ގެންދާ ލޯންގް ރަންގެ ޓައިޓަލް ސްޕޮންސަރ ޕާޓްނަރުނަކީ ކޮކާ ކޯލާގެ އިތުރުން، އެމްޓީސީސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެލައިޑް އިންޝުއަރަންސް، އެސްޓީއޯ، ސޮމަރސެޓް ހޮޓެލް، ޕްރިންޓް ލެބް، އުބަރ އިވެންޓްސް އެވެ.

ޖުމުލަ 1500 ދުވުންތެރީންނަށް އަމާޒުކޮށްގެން ބާއްވާ ހަވަނަ ކޮކާ ކޯލާލޯންގް ރަން 2018 ގެ ހޯސްޓިންގ ޕާޓްނަރަކީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ. ޓީއެފްޖީން ބުނީ، ސްޕޮންސަރުންގެ އިތުރުން، ވޮލަންޓިއަރުންގެ ގޮތުގައި ވެސް 50އަށް ވުރެ ގިނަ ފަރާތުން މި އިވެންޓުގައި ހަރަކާތްތެރި ވާނޭ ކަމަށެވެ.

ޓީއެފްޖީ އިން ކުރިއަށް ގެންދާ ކޮކާކޯލާ ލޯންގް ރަންގެ ޕްރީ އިވެންޓް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޒިނާން ވިދާޅުވީ، ލޯންގް ރަންގެ ހަރަކާތްތައް ކުރިއަށް ދާއިރު، ބައިވެރީންނަށް ތަފާތު ޚިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އެމްޓީސީސީއާ ގުޅިގެން، ބައިވެރީން ހުޅުމާލެއަށް ގެންގޮސް ދިނުމާއި، ހުޅުމާލޭ ފެރީ ޓަރމިނަލުން ފެށިގެން ދުވާ ސަރަހައްދަށް ބަހުގައި ގެންގޮސްދީ އަދި ދުވުން ނިންމާފައި ގެނެސް ދިނުމުގެ ޚިދުމަތް ދޭނޭ ކަމަށެވެ. މީގެ އިތުރުން، އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން ދުވުން ފެށުމާ ހަމައަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސް ތަކުގައި އެ މައުލޫމާތުތައް ހިއްސާ ކުރަމުން ދާނޭ ކަމަށް ޒިނާން ވިދާޅުވިއެވެ.

ފުރަތަމަ ފަހަރު 300 ބައިވެރީންނާއެކު ކުރިއަށް ގެންދިޔަ މި ދުވުން، ބޮޑުވަމުން ގޮސް، މިދިޔަ އަހަރު 800 އަށް ވުރެ ގިނަ ދުވުންތެރީން ލޯންގް ރަންގައި ބައިވެރިވެފައި ވާއިރު، ޓީއެފްޖީގެ އަމާޒަކީ މިފަހަރު އެ އަދަދު މިދިޔަ އަހަރުގެ ބައިވެރީންގެ ދެގުނައާ ގާތްކުރުމެވެ.

ޓީއެފްޖީ އިން ކުރިއަށް ގެންދާ ކޮކާކޯލާ ލޯންގް ރަންގެ ޕްރީ އިވެންޓް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަނަރސް މޯލްޑިވްސްގެ ނަމުގައި ކުރިއަށް ގެންދާ ދުވުމުގެ މި ހަރަކާތް އެންމެ ފުރަތަމަ ޓީއެފްޖީން ބޭއްވީ، 15 ފެބްރުއަރީ 2013ގައެވެ. އޭގެ ފަހުން ކާމިޔާބު ކަމާއެކު ބާއްވަމުން އަން މި މަޝްހޫރު ދިގު ދުވުމުގެ ކޮންމެ އަހަރަކުވެސް މެއިން ސްޕޮންސަރަކީ ކޮކާކޯލާ ކަން ފާހަގަކޮށްލެވެއެވެ.

އޭޕްރީލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ފުރުސަތު ބަންދުވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަވުމުންނެވެ.

މި އަހަރުގެ ކޮކާ ކޯލާ ލޯންގް ރަންގައި ހަތަރު ކެޓަގަރީއަކުން ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކޮންމެ ކެޓަގަރީއެއްގައި ވެސް ބައިވެރި ވެވޭނީ ފީއެއް ދައްކައިގެންނެވެ.