އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ފަރްނާންޑޯ ލުއިޒް ރޯޒާ ނުވަތަ އާންމު ނަމުންނަމަ ފަނަންޑީނިއޯ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ފަނަންޑީނިއޯ ސިޓީގެ ކޮންޓްރެކްޓް އިތުރު 12 މަސް ދުވަސް ލައިގެން އާކުރި އިރު އާ އެއްބަސްވުމުގެ ދަށުން 2021 ގެ ނިޔަލަށް އޭނާ ސިޓީގައި މަޑުކުރާނެ އެވެ. ސިޓީއާއެކު އޭނާ ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ މީގެ ކުރިން ތަކުރާރުކޮށް ފަނަންޑީނިއޯ ސިޓީގައި އަދި އިތުރު މުއްދަތަކަށް ބަހައްޓަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޔުކްރެއިންގެ ޝަޚްތަރް ޑޮންސްކް އިން 2013 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ފަނަންޑީނިއޯ އަކީ ފަހުގެ ތާރީހެއްގައި ސިޓީން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިއާ އެވެ. އޭނާ ވަނީ ސިޓީ ޖާޒީގައި ޕްރިމިއާ ލީގު މެޑަލް ތިން ފަހަރެއްގެ މަތިން ހާސިލްކޮށްފައެވެ. ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އުމުރުން 34 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރު ވަނީ ސިޓީއާއެކު ލީގް ކަޕް ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައި އިނގިރޭސި އެފްއޭ ކަޕް މުބާރާތް ވެސް މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްފައެވެ.

" މިއީ އަހަންނަށް ލިބޭނެ އެންމެ އުފާވެރި ހަބަރު. އަހަރެން މި ފުރުސަތުގައި ފާހަގަކޮށްލަން ސިޓީގެ ޓީމް މޭޓުންނާއި ބެކްރޫމް ސްޓާފުންގެ މަސަތްކަތަށް. އެމީހުންނާ ނުލައި މި ޑީލް އެއް ނުނިންމޭނެ. އެހެންކަމުން އެ އެންމެނަށް އަހަރެންގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކޮށްލަން ބޭނުން. ސިޓީއާއެކު ހޭދަކުރެވުނު ކޮންމެ ސިކުންތެއް ވެސް އަހަންނަށް ވަރަށް އުފާވެރި. އެއްވެސް އިރަކު ހިއެއް ނުކުރަން މި ކްލަބާއި އަދި ކްލަބުގެ ސަޕޯޓަރުންނާއި އަހަންނާއި ދެމެދު މިހާ ގާތް ގުޅުމެއް އުފެދިގެންދާނެ ކަމަކަށް. އެހެންކަމުން މިއަދު މި ލިބޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން، " އާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މީޑިއާ ތަކަށް މައުލޫމާތު ދެމުން ފަނަންޑީނިއޯ ބުންޏެވެ.

ސިޓީގެ ގިނަ ޑިފެންޑަރުންނަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމުގެ ސަބަބުން މިސީޒަނުގައި ފަނަންޑީނިއޯ ބޮޑަށް ފެނިގެންދަނީ ސެންޓްރަލް ޑިފެންޑަރެއްގެ ރޯލުންނެވެ. މި ސީޒަނުގައި ގަވާއިދުން ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އަންނަ ފަނަންޑީނިއޯ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން މިއަދާ ހަމައަށް ޕްރެމިއާ ލީގުގައި ސިޓީ ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ. މި މުއްދަތުގެ ތެރޭ ސީނިއާ ޓީމު މެޗުތަކުގެ ތެރެއިން އޭނާ ނުލައި ސިޓީ ކުޅުނު ހަމައެކަނި މެޗަކީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅުނު މެޗެވެ.