2-6 އިން ބަޔާ ލެވަކޫސަން ބަލިކުރުމަށްފަހު ޖަރުމަނު ކަޕްގެ ފައިނަލަށް ބަޔާން މިއުނިކް ދަތުރުކޮށްފިއެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނެޓްތެރޭ ބަޔާން އިން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި ދެ ގޯލުވެސް ބަޔާން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ.

ފުރަތަމަ ހާފް ނިމުމުގެ ބެންޑާ ލެވަކޫސަން އަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ތޯމަސް މުލާ ވަނީ ބަޔާންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބަޔާންގެ ހަތަރުވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ތިއާގޯ ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނެޓްފަހުން މުލާ ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި މެޗުގެ 78 ވަނަ މިނެޓްގައި މުލާ ވަނީ ބަޔާންގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ލެވަކޫސަންގެ ދެވަނަ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ބެއިލީއެވެ.

މިއީ ފާއިތުވި ހަތް އަހަރުތެރޭ މި މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކުރި ފަސްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޖަރުމަނު ކަޕްގެ ފައިނަލްގެ ބަޔާން ބައްދަލުކުރާނީ ޝާލްކޭ އާއި ފްރެންކްފާޓް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކޮށްފައިވާއިރު މި މަހުގެ ކުރީކޮޅު އެޓީމުން ވަނީ ޖަރުމަނު ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ވެސް ބަޔާން އަށް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތި މުބާރާތުގެ ސެމީފައިނަލްގައެވެ. ސެމީގައި ބަޔާން ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ.