އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަށް ސީޒަން ނިމިއްޖެއެވެ.

ވިޑާލްގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ ހަފްތާގައި ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ.

އެ އަނިޔާއާ ގުޅިގެން ވިޑާލް މިދިޔަ ހޯމަ ދުވަހު ކަކުލުގެ ސާޖަރީ އެއް ހަދާފައިވާއިރު ބަޔާން އިން ވަނީ އެ ސާޖަރީއާ ގުޅިގެން މި ސީޒަން ވިޑާލް އަށް މިހާރު ނިމިފައިވާ ކަމަށް ބުނެފައެވެ.

ކުރިއަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗު ވެސް އޮތުމާއެކު ވިޑާލް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ބަޔާން އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.

ބަޔާންގެ މެދުތެރޭގައި މުހިއްމު ދައުރެއް ވިޑާލް އަދާކުރަމުން އަންނައިރު އޭނާ ވަނީ މި ސީޒަނުގައި އެޓީމަށް 35 މެޗު ކުޅެދީ ހަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ބަޔާން އާއި ރެއާލް ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ބަޔާންގެ ދަނޑުގައެވެ. ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.