ވޯލްޑް ހައިޑްރޯފްލައިޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ވިއެޓްނާމްގެ ހޯޗީ މިންހް ގައި ބޭއްވި "ވޯލްޑް ހައިޑްރޯފްލައިޓް ކޮމްޕެޓިޝަން 2020" ގައި ވާދަކުރި ރާއްޖޭގެ އެތްލީޓުން އެ މުބާރާތުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭން ވާދަކުރި ދެ އެތްލީޓުންގެ ތެރެއިން އިބްރާހިމް ހުސެއިން (އިއްބަޑޭ) ވަނީ 35 އަހަރުން މަައްޗަށް ހާއްސަކޮށްގެން ބޭއްވި މާސްޓަ ކެޓެގަރީން ހަތަރު ވަނަ ހޯދައިފައެވެ. ރާއްޖެއިން ދެން ވާދަކުރި މުހައްމަދު ޔައިޝް ވަނީ 17 އަހަރުން ދަށުގެ އެތްލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްދިޔަ ޖޫނިއާ ކެޓެގަރީން ދެ ވަނަ ހޯދައިފަ އެވެ.

އިއްބަޑޭ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ކޮލިފައިން ބުރުގެ ތިން ވަނަ ހޯދައިގެންނެވެ. އޭގެ ފަހުން ކުއާޓާ ފައިނަލުގައި ހަތަރު ވަނަ ހޯދައި އިއްބަޑެ ސެމީ އަށް ދަތުރު ކުރި އިރު އޭނާ މުބާރާތުން ކެޓީ ސެމީ އިންނެވެ.

އިއްބަޑޭ އަކީ ފްލައިބޯޑިންގައި އާ މޫނެއް ނޫނެވެ. އޭނާ ވަނީ މި ކުޅިވަރުގައި ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް މީގެ ކުރިން ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން ފްރާންސްގައި ބޭއްވި ޔޫރަޕިއަން ފްލައިބޯޑިންގް މުބާރާތެއްގެ ތިން ވަނަ ހޯދުމުގެ އިތުރުން އެމެރިކާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ އަށަކަށް ވެސް އިއްބަޑޭ ވަނީ ދަތުރުކޮށްފައެވެ.

ވިއެޓްނާމް މުބާރާތުގައި ރާއްޖޭން ވާދަކުރި ޒުވާން ޔައިޝް ޖޫނިއާ ކެޓެގަރީގެ ސެމީ އަށް ދިޔައީ ކޮލިފައިން ބުރުގެ ދެ ވަނަ ހޯދައިގެންނެވެ. ޔައިޝް ވަނީ ސެމީގައި ވެސް ދެވަނަ ހޯދައި ފައިނަލުގައި ވާދަކޮށްފައެވެ. ފައިނަލުގައި ޔައިޝް ދެވަނަ އަށް ދިޔައީ ޗެމްޕިއަންކަން ހޯދި ނިއު ކަލެޑޯނިއާގެ ވިލިއަމް އަށްވުރެން ހަތަރު ޕޮއިންޓް މަދުން ލިބިގެންނެވެ. މި ކުޅިވަރުގައި ކުރިއަރަމުން އަންނަ ޔައިޝް ވަނީ 2018 ވަނަ އަހަރު އޮތް ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށް އެ މުބާރާތުން ފަސް ވަނަ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މިހާރު ނޫސް ފަހަތު ފަޔަށް ބަރު ވެފަ އެވެ.

    2
    1
  2. ޖަރީމާރާއްޖެ

    ބައިވެރިވީވައްތަރަކުން8