އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުގައި ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިއާ ސްޕެއިންގެ ރަފޭލް ނަޑާލް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ ޓެނިސް ރޭންކިންގެ ފަސް ވަނަ އަށް ރޭންކް ކުރެވިފައިވާ ތިއެމް ސެމީ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ކުއާޓާގެ މެޗުގައި ނަޑާލްގެ މައްޗަށް 3 ސެޓު އެއް ސެޓުން ކުރިހޯދައިގެންނެވެ. މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ސެޓު ފެނިގެންދިޔައީ ވަރަށް ވެސް ވާދަވެރިކޮށެވެ. އެގޮތުން ދެ ސެޓު ވެސް ތިއެމް ގެންދިޔައީ ޓައި ބްރެކްގައި ނަޑާލް ބަލިކޮށްގެންނެވެ. ފުރަތަމަ ސެޓުގައި 6-6 އިން އެއްވަރުވެ ޓައި ބްރެކްގައި ތިއެމް ކުރިހޯދީ 6-3 އިންނެވެ. ދެވަނަ ސެޓުގެ ޓައި ބްރެކްގައި ތިއެމް ނަޑާލް ބަލިކުރީ 6-4 އިންނެވެ.

ތިންވަނަ ސެޓުގައި ނަޑާލް ވަނީ ތިއެމްގެ ސާވިސް ބްރެކް ކޮށް 6-4 އިން ސެޓު ކާމިޔާބުކޮށް އުއްމީދު އާކޮށްފައެވެ. ހަތަރު ވަނަ ސެޓުގައި 5-4 ގައި އޮއްވާ އަމިއްލަ ސާވިސްގައި މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ތިއެމް އަށް އޮތެވެ. ނަމަވެސް ނަޑާލް ވަނީ އޭނާގެ ތަޖުރިބާގެ ބޭނުންކޮށް މި ގޭމްގައި ތިއެމްގެ ސާވިސް ބްރެކް ކޮށް ތައި ބްރެކް އަކާ ހަމައަށް ސެޓު ގެންގޮސްދީފައެވެ. 6-6 އިން ދެ ކުޅުންތެރިން އެއްވަރުވެގެން ކުޅުނު ޓައި ބްރެކްގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ތިއެމް ކުރިހޯދީ 8-6 އިންނެވެ.

މިއީ އުމުރުން 26 އަހަރުގެ ތިއެމް އޮސްޓްރޭލިއަން އޯޕަންގެ ގަދަ ހަތަރަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލުގައި ތިއެމް ވާދަކުރަން ޖެހޭނީ ޖާމަނީގެ ޒުވާން ކުޅުންތެރިއާ އެލެގްޒަންޑާ ޒްވެރެވް އާއެވެ. ދުނިޔޭގެ ހަތްވަނަ އަށް ރޭންކް ކުރެވިފައިވާ ޒްވެރެވް ސެމީ އިން ޖާގަ ހޯދީ ކުއާޓާގައި ސްވިޓްޒަލެންޑުގެ ސްޓާންސިލަސް ވައުރިންކާގެ މައްޗަށް 3 ސެޓު 1 ސެޓުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 6-1 އިން ވައުރިންކާ ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓުގައި 22 އަހަރުގެ ޒްވެރެވް ވަނީ މޮޅު ކުޅުމެއް ދައްކައި 6-3، 6-4 އަދި 6-2 އިން ސެޓުތައް ކާމިޔާބުކޮށް ގަދަ ހަތަރަކުން ޖާގައެއް ކަށަވަަރުކޮށްފައެވެ.

އޮސްޓްރޭލިއަން އޯޕަން އަކީ އަހަރުގެ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބަރާތެވެ. ހާޑް ކޯޓުގައި ކުޅޭ މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ. މުޅިއެކު ހަތް ތައްޓާއެކު ޖޮކޮވިޗަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއާވެސް މެއެވެ.