ދިރާގު ދިވެހި ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ށ. ފޯކައިދޫ ފުޓްބޯލް ކްލަބުގެ މައްޗަށް ކުރިހޯދައި ލީގް ތާވަލުގެ ހަތަރު ވަނަ ގްރީން ސްޓްރީޓްސް ކަށަވަރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ގްރީން ސްޓްރީޓްސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ގްރީނަށް ތާވަލުގެ ހަތަރުވަނަ ކަށަވަރުވީ ފަސް ވަނައިގައި އޮތް ދަ ގްރާންޑޭ ލީގުގައި ކުރިއަށް ކުޅެން އޮތް މެޗު ކާމިޔާބު ކުރި ނަމަވެސް ގްރީން އަތުލެވޭނެ ގޮތެއް ނެތުމުންނެވެ. ރޭގެ މޮޅާއެކު ހަތަރުވަނައިގައި ގްރީނަށް ފަސް ޕޮއިންޓުގެ ލީޑެއް ވަނީ ލިބިފައެވެ. އެޓީމަށް 20 މެޗުން މުޅިއެކު 31 ޕޮއިންޓް ލިބިފައިވާއިރު ފަސްވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް 20 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.

ރޭ ގްރީން އާއި ފޯކައިދޫ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައިވަނީ ގްރީން ސްޓްރީޓުންނެވެ. ގްރީނުން މި ހާފުގައި ފޯކައިދޫގެ ގޯލަށް ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ގްރީންގެ އަބްދުﷲ ޔާމީން ބޮލުން ފޮނުވާލި ހަމަލާ ފޯކައިދޫގެ ގޯލްކީޕަރު ތޮލާލް ހަސަން މަތަކުރި ނަމަވެސް އޭގެ މިނެޓެއް ފަހުން ގްރީން އިން ވަނީ މުހައްމަދު އުމެއިރު ޖެހި ލަނޑަކުން ލީޑު ނަގައިފައެވެ. ގޯލާ ފުދޭވަރަކަށް ދުރުން އުމެއިރު ގޯލަށް ބޯޅަ ފޮނުވާލި އިރު ފޯކައިދޫގެ ކީޕަރު ތޮލާލް ހަސަން އަށް ހުރެވުނީ ގޯލް ލައިނަށް ވުރެ ކުރިއަށް ނިކުމެއެވެ.

ފުރަތަމަ ހާފުގައި ގްރީންގެ ގޯލު ފޫއަޅުވާލަން ފޯކައިދޫގެ މުހައްމަދު ސަޔާމް ސައީދަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ވަނީ މަތަކޮށްފައެވެ.

ގްރީނުން މެޗުގައި ޖެހި ދެވަނަ ލަނޑު ވެސް ކާމިޔާބުކުރީ އުމެއިރު އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އަބްދުﷲ ޔާމިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އުމެއިރު މި ލަނޑު ޖެހީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.