ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅުނު ޓީމުގެ ބައެއް ކުޅުންތެރިން އެފްއޭ ކަޕުގެ ސެމީ ފައިނަލްގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅޭ މެޗުގައި ބާކީ ކުރާނެކަމަށް މެންޗެސްޓާރ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ވެސްޓް ބްރޮމް އާއި ކުޅެ 0-1 ގެ ނަތީޖާ އަކުން ބަލިވެ ޔުނައިޓެޑުން ވަނީ މެންޗެސްޓާރ ސިޓީ އަށް ތަށި ދީފައެވެ. މެޗަށްފަހު މޮރީނިއޯ ދިން އިންޓަވިއުގައި ބުނެފައިވަނީ ބުދަ ދުވަހު ބޯންމައުތް އާއި ދެކޮޅަށް ކުޅޭ މެޗުގައި އެހެން ކުޅުންތެރިންގެ ގާބިލުކަން ދައްކާލުމަށް ފުރުސަތު ދޭނެ ކަމަށެވެ.

މޮރީނިއޯ ބުނެފައިވަނީ ބޯންމައުތް މެޗުގައި ރަނގަޅު ކުޅުން ދައްކާ ކުޅުންތެރިންނަށް ވެމްބްލީގައި ހޮނިހިރު ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުގައި އޭނާގެ ޓީމުން ޖާގަ ލިބޭނެ ކަމަށެވެ. " ބޯންމައުތް މެޗުގައި އަހަރެން ކުޅުންތެރިއެއް ބޭނުންކޮށްގެން އެކުޅުންތެރިޔަކު މޮޅު ކުޅުމެއް ދައްކައިފިނަމަ އެކުޅުންތެރިޔަކު ސެމީ ގައި ކުޅޭނެ." ހޯސޭ މޮރީނިއޯ ބުންޏެވެ.

"މިއީ ބައެއް ކުޅުންތެރިންނަށް ކުޅެގެން އަހަރެންގެ ޓީމަށް ދެމިގަތުމަށް ލިބޭ ފުރުސަތެއް. ކުރިން މެޗުގައި (ވެސްޓްބްރޮމާއި ދެކޮޅަށް) ކުޅުނު ބައެއް ކުޅުންތެރިންނަކަށް އަހަރެންގެ ޓީމުގައި ޖާގައެއް ނެތް. އަހަރެން ޓީމު ނެގުމުގައި އޮންނަނީ އެންމެ ގޮތެއް. އެއީ ކުޅުންތެރިޔަކު ކުޅޭ ގޮތް. މޮޅަށް ކުޅެގެން އެކަނި އަހަރެންގެ ޓީމަށް އެރޭނީ." މޮރީނިއޯ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

މީގެ އިތުރުން މޮރީނިއޯ ބުނެފައިވަނީ އޭނާ ކުޅުންތެރިއެއްގެ އަގާއި އެކުޅުންތެރިއަކަށް ލިބޭ މުސާރައަށް ނޫނީ ރީތި މޫނަކަށް ނުބަލާނެ ކަމަށާއި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލާފައި ނޫނީ އޭނާ ޓީމުގައި ނުޖަހާނެ ކަމަށެވެ.

ޕައުލް ޕޮގްބާ މެންޗެސްޓާރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި މޮޅު ކުޅުން ވެސްޓް ބްރޮމް މެޗުގައި ނުދެއްކި 58 ވަނަ މިނެޓުގައި އޭނާ ބަދަލު ކުރި ނަމަވެސް މޮރީނިއޯ ބުނެފައި ވަނީ ފްރާންސްގެ ޕޮގްބާ އޭނާ ދަނޑުން ބޭލީ ޕޮގްބާ އަށް ރީނދޫ ކާޑެއް ދެއްކުމުގެ ސަބަބުން ކަމަށެވެ.

ހޮނިހިރު ދުވަހު ކުޅޭ ސެމީ ފައިނަލުން މޮޅުވެ އެފްއޭ ކަޕުގެ ފައިނަލުން މޮޅުވުން ނޫން ގޮތަކަށް މޮރީނިއޯގެ ޓީމަށް މިސީޒަނުގައި ތައްޓެއް ލިބޭގޮތެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު