ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން އަދި ޕޯޗުގަލް ގައުމީ ޓީމުގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް، އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ޕޯޗުގަލް ލީގުގައި ކުޅެމުން އައި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭ ހިމެނޭ 25 އަހަރުގެ ބްރޫނޯ ޔުނައިޓެޑަށް ބަދަލުވީ 47 މިލިއަން ޕައުންޑްގެ ފީއެއްގެ ދަށުން ފަސް އަހަރާއި ބައިގެ މުއްދަތަކަށެވެ. ބްރޫނޯ ވަނީ ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަކޮށް ރޭ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޔުނައިޓެޑަށް ބަދަލުވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ބްރޫނޯ ބުނީ އޭނާގެ ހިތުގައި ޔުނައިޓެޑަށް ލޯބި ޖެހުނީ ކުޑައިރު މަޝްހޫރު ފޯވަޑް އަދި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑުގެ ޖާޒީގައި ކުޅުނުތަން ފެނިފައި ކަމަށެވެ.

" ޔުނައިޓެޑަށް ހިތް ޖެހުނީ އަހަރެން ކުޑައިރު ރޮނާލްޑޯ މި ކްލަބަށް ކުޅޭތަން ފެނިފައި. އެހިސާބުން ފެށިގެން މިއަދާ ހަމައަށް އަހަންނަކީ ޔުނައިޓެޑުގެ ބޮޑު ފޭން އެއް. ޔުނައިޓެޑުގެ ޖާޒީގައި ކުޅެން ފުރުސަތު ލިބުމަކީ ވެސް އަހަންނަށް ލިބޭ ބޮޑު ފަހުރެއް. ވަރަށް މަސަތްކަތުން މިހިސާބަށް މިއާދެވުނީ. އެހެންކަމުން ކްލަބުގެ ސަޕޯޓަރުންނަށް އަހަރެން ބުނެލަން އޮތީ ކްލަބަށް ކާމިޔާބީތައް ހޯދައިދޭން އަހަރެން ގަދައަޅައި މަސަތްކަތް ކުރާނަމޭ. ޔުނައިޓެޑުގެ ކޯޗު އަދި ކްލަބުގެ ސަޕޯޓަރުން އަހަންނަށް ކުރާ އިތުބާރުގެ އަގު އަދާކޮށްދޭން ކެތްމަދުވެފައި މިހިރީ، " ބްރޫނޯ ބުންޏެވެ.

ބްރޫނޯ ވަނީ ސްޕޯޓިންގް ލިޒްބަންގެ ފަރާތުން މިވީހާ ދުވަހު އޭނާ އަށް ލިބުނު މިންނެތް ސަޕޯޓަށް އެ ކްލަބަށް ޝުކުރު އަދާކޮށްފައެވެ.

އިޓަލީގެ ކްލަބެއް ކަމަށްވާ ނޮވާރާ އިން 2012 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި ބްރޫނޯ ވަނީ އިޓަލީގެ ސަމްޑޯރިއާ އާއި އުދިނޭޒީ އަށް ކުޅެފައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ސްޕޯޓިންގް އަށް ބަދަލުވެ އޭނާ ވަނީ ޕްރިމެރާ ލީގުގައި މިދިޔަ ތިން ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ޕޯޗުގަލް ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް މިދިޔަ ދެ ސީޒަނުގައި ވެސް ހޯދި ބްރޫނޯ ވަނީ މިދިޔަ އަހަރު ޔުއެފާ އިން އަލަށް ބޭއްވި ނޭޝަންސް ލީގު ޕޯޗުގަލް އިން ކާމިޔާބުކުރި އިރު އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ނޭޝަންސް ލީގުގެ ޓީމް އޮފްދަ ޓޯނަމެންޓުގައި ވެސް ބްރޫނޯ ހިމެނުނުކަން ފާހަގަކޮށްލެވެ އެވެ.

ބްރޫނޯގެ އިތުރުން ޔުނައިޓެޑުން އަންނަނީ ޖެނުއަރީ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން އިތުރު ކުޅުންތެރިއެއް އިއުލާން ކުރުމުގެ މަސަތްކަތް ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުން ހޯދަން އުޅޭ އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސައުތްއެންޑް ފުޓްބޯލް ކްލަބުގެ ގޯލްކީޕަރު ނަތަން ބިޝޮޕް ޔުނައިޓެޑަށް ބަދަލުވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު