50 އަށް ވުރެ ގިނަ ކުދިންނާއިއެކު ފ. ނިލަންދޫ ސްޕޯޓްސް ކްލަބުގެ އެކަޑެމީ އެ ރަށުގައި ހުޅުވައިފިއެވެ.

ނިލަންދޫ ސްޕޯޓްސް ކްލަބުން އުފެއްދި މި އެކެޑެމީ އަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޮލް ޕްރޮޖެކްޓް، ފާފު އެޓޯލްސް ޓުވާރޑްސް ފިއުޗާގެ ދަށުން ކުރިޔަށް ގެންދާ އެކަޑެމީ އެކެވެ. މި އެކެޑެމީގެ މަސަތްކަތް ރަސްމީކޮށް ފެށުމަށްޓަކައި އެ ރަށުގައި މިދިޔަ ހުކުރު ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

މި ރަސްމިއްޔާތުގައި އެކަޑެމީގެ ޓެކްނިކެލް ޑިރެކްޓަރ ގެ ގޮތުގައި މަސައްކަތް ކުރާ ނިލަންދޫ ސްޕޯޓްސް ކްލަބްގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އާއި ނިލަންދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަންވަރު އަލީ އާއި ސްޕޯޓްސް މިނިސްޓްރީގެ އެގްޒެކެޓިވް އަހުމަދު މުޖުތަބާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ފެސްކޯ ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އެކެޑެމީގެ ސަބަބުން އެތައް ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން އެކަޑަމީގެ ދަށުން ތަމްރީނުވެގެންދާ ކުޅުންތެރިންނަކީ މުސްތަގުބަލުގައި ނިލަންދޫ ޓީމުގައި ހިމެނުމުގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅޭނެ ކުދިންތައް ކަމަށް ފެސްކޯ ވިދާޅުވިއެވެ.

ނިލަންދޫ ސްޕޯޓްސް ކްލަބްގެ ރައީސް އަންވަރު އަލީ ވިދާޅުވީ އެފްއޭއެމްގެ ބޮޑު އެހީތެރިކަމާއެކު ފެށިގެން މިދިޔަ އެކެޑެމީ އަކީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށާއި އެކެޑެމީގައި މަސަތްކަތް ކުރާ ކޯޗުންނަކީ ގްރާސް ރޫޓް ކޯޗިންގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށެވެ. މީގެ އިތުރުން ކޯޗުން އިތުރަށް ތަމްރީނު ކުރުމަށް މި މަހުގެ ތެރޭ އިތުރު ކޯހެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަންވަރު ވިދާޅުވިއެވެ.

އެކަޑަމީ ހުޅުވުމަށް ބޭއްވުނު ހަފްލާގައި ނިލަންދޫ ސްޕޯޓްސް ކްލަބުން ވަނީ އެ ރަށުގައި ހިނގަމުން އަންނަ އެހެން އެކަޑަމީ އެއް ކަމަށްވާ ގްރީން އެކެޑެމީ އަށް 10 ބޯޅަ ހަދިޔާކޮށްފައެވެ. މި ދެ އެކެޑެމީ ދެމެދުގައި އެމްއޯޔޫ އެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު މި އެއްބަސްވުމުގެ ދަށުން ނިލަންދޫ އެސްސީން ގްރީން އެކެޑެމީ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ދެ ފަރާތް ގުޅިގެން ކުރިއަށް އޮތް ތާގައި މަސަތްކަތް ކުރުމަށް ވަނީ ވަނީ ހަމަޖެހިފައެވެ.