ފަސް ވަނަ އަށް ސީޑް ކުރެވުނު އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބަލިކޮށް ދުނިޔޭގެ ދެވަނަ އަށް ރޭންކް ކުރެވިފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ތަށި ކާމިޔާބުކުރީ މިއަދު ކުޅުނު ފައިނަލުގައި ތިއެމްގެ މައްޗަށް 3 ސެޓު 2 ސެޓުން ކުރިހޯދައިގެންނެވެ. މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓު 6-4 އިން ގެންދިޔައީ ޖޮކޮވިޗް އެވެ. ނަމަވެސް ތިއެމް ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ތިއެމް ސެޓުތައް ކާމިޔާބުކުރީ 6-4 އަދި 6-2 އިންނެވެ.

ތިންވަނަ ސެޓުގައި ޖޮކޮވިޗްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އޭނާ ވަނީ 6-3 އިން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށްޓަކައި ކުޅުނު ފަސްވަނަ ސެޓުގެ ކުރީކޮޅު ތިއެމްގެ ސާވިސް ބްރެކް ކޮށް ޖޮކޮވިޗް ލީޑު ނެގިއެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލަ ހުރިހާ ސާވިސް ގޭމްސްތައް ކާމިޔާބުކޮށް 6-4 އިން ސެޓު ގެންގޮސް މެޗުން މޮޅުވެފައެވެ.

މިއީ ޖޮކޮވިޗް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަށް ވަނަ ފަހަރެވެ. އޭނާ މި މުބާރާތުގެ ފައިނަލުން އަދި މިހާތަނަށް ބަލިވެފައިނުވެ އެވެ. ޖޮކޮވިޗްގެ ފަހަތުން އޮސްޓްރޭލިއަން އޯޕަންގެ ތަށި ލިސްޓުގެ ދެވަނައިގައި އޮތީ ހަ ފަހަރު ޗެމްޕިއަންކަން ހޯދި ސްވިޓްޒަލެންޑުގެ ރޮޖާ ފެޑެރާ އެވެ.

ޖޮކޮވިޗްގެ 17 ވަނަ ގްރޭންޑް ސްލޭމް ތައްޓާއެކު އޭނާ ވަނީ 20 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްގެން ފެޑެރާ ހަދާފައިވާ ރެކޯޑާ ކައިރިކޮށްފައެވެ. ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް ދިޔައީ ވެސް ސެމީގައި ފެޑެރާ ބަލިކުރުމަށްފަހު އެވެ. ފެޑެރާގެ އިތުރުން ގްރޭންޑް ސްލޭމް ރޭހުގައި ޖޮކޮވިޗަށްވުރެ ކުރީގައި އުޅެނީ 19 ތައްޓާއެކު ސްޕެއިންގެ ރަފޭލް ނަޑާލް އެވެ.

މިއަދުގެ މޮޅާއެކު އޭޓީޕީ އާ ރޭންކިންގް އިއުލާނުކުރާ އިރު އެއްވަނައިގައި އޮންނާނީ ޖޮކޮވިޗް އެވެ. ޖޮކޮވިޗް އަށް އަލުން އެއްވަނަ ލިބެނީ މިވަގުތު ރޭންކިންގެ އެންމެ ކުރީގައި އޮތް ނަޑާލް އޮސްޓްރޭލިއަން އޯޕަންގެ ސެމީ އަށް ނުގޮސް ކެޓުމުންނެވެ.