ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ތައްޔާރުވަމުން އަންނަ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ތާއިދު ކުރުމަށް ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކުލަބުން ވެސް ނިންމައިފި އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގްރީން ސްޓްރީޓްސް އާއި ޓީސީން ބައްސާމަށް ތާއީދު ކުރަން ނިންމާފައި މިވަނީ ދިވެހި ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އިން ވެސް މިހާރުގެ ރައީސް އަށް ތާއީދު ކުރާނެކަން އިއުލާނު ކުރައްވާފައިވަނިކޮށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން އެފްއޭއެމްގެ ރައީސް ބައްސާމަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް. ސަބަބަކީ ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ލީޑަޝިޕާއި ތަސައްވަރަކާ އެކު އެކަން ކުރެވޭނެ ކަން ސާބިތުކޮށްދިން ހަމައެކަނި ލީޑަރަކީ ބައްސާމް،" ގްރީން ސްޓްރީޓްސް އިން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އާ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ވުރެ ނުވަ މަސް ކުރިން، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެކަން އެފްއޭއެމް އިން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެގޮތުން ބައްސާމް ވިދާޅުވީ އިންތިހާބު ދޮޅު މަސް ތެރޭގައި ބޭއްވުމަށް އެސްކޯ އަށް ހުށަހެޅުއްވުމުން އެ ތަނުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ އެންމެންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފަައިވާ ބައްސާމް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައްސާމް އޭނާގެ ކެންޑިޑެސީ އިއުލާން ކުރައްވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހާށޭ

    އިންސާފައް ލޯބިކުރާ އެކަކުވެސް އަދި ޓީމެއްވެސް ބައްސާމް އަކަށް ސަޕޯޓެއް ނުކުރާނެ. ދިވެހި ފުޓުބޯޅަ އަސްލު ހަލާކުކުރި މީހަކީ ބައްސާމު. ބައްސާނު އެފްއޭއެމް ހިންގަންފެށިފަހުން ދިވހި ފުޜުބޯޅަ މިދަނީ ބުވަހަކުން ދުވަހެއް ފަހަތަށް ޖަހަމުން. މި އަޑިގަނޑުން އެރެން އޮތީ އެތަނުން ބައްސާނު ބާލައިގެން. ވީމާ ފުތުބޯޅައަށް ހެޔޮއެދޭ އެކަކުވެސް ބައްސާމް އަކަށް ސަޕޯޓްއެއް ނުކުރާނެ

    13
    1
  2. މަޒް

    ގަނެލަން ފަސޭހަ ބޭނުންކުރަން ފަސޭހަ ލާރިކޮޅަކަށް ވިކޭ ބަޔަކު ތިޔަ ފެންނަނީ