ޓޮޓެންހަމްގެ ފޯވާޑް ސޮން ހިއުން މިން ޖެހި ޕެނަލްޓީން ސައުތޭމްޓަން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޓޮޓެންހަމާއި ސައުތޭމްޓަން އެންމެ ފުރަތަމަ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވުމުން ރޭ ކުޅުނު ރިޕްލޭ މެޗުގައި ޓޮޓެންހަމުން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޓޮޓެންހަމުންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނިޓުގައި ޖެކް ސްޓެފެންސް އަތުން ބައިކޮޅަށް ވަން ލަނޑުން ޓޮޓެންހަމަށް ކުރި ލިބުނު އިރު ސައުތޭމްޓަން އިން ނަތީޖާ ހަމަހަމަ ކުރީ 34 ވަނަ މިނެޓުގައެވެ. ގޯލްކީޕަރު ހޫގޯ ލޯއިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސައުތޭމްޓަން އަށް ކާމިޔާބުކޮށްދިނީ ޝޭން ލޮންގްއެވެ.

ދެވަނަ ހާފުގައި ސައުތޭމްޓަން އިން ވަނީ ކުރިއަށް ޖެހިލައިގެން ކުޅެ ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތްކޮށްފައެވެ. އެގޮތުން ލޮންގް އާއި ރެޑްމަންޑް ފޮނުވާލި ހަމަލަތަކުން ޓޮޓެންހަމްގެ ގޯލު ސަލާމަތްކޮށްދިނީ ލޯރިސްއެވެ. ސައުތޭމްޓަން އިން އިދިކޮޅު ގޯލަށް ޕްރެޝަރު ކުރަމުން ގޮސް އެންމެ ފަހުން 72 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ރެޑްމަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ ޑަނީ އިންގްސް އެވެ. ނަމަވެސް އެޓީމަށް ލީޑު ހިފެހެއްޓުނީ އަށް މިނެޓު ވަންދެނެވެ. އެގޮތުން ޓޮޓެންހަމުން އުފެއްދި ހަމަލާއެއްގައި ޑެލީ އަލީގެ އެހީތެރިކަމާއެކު ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކަސް މޫރާއެވެ.

ޓޮޓެންހަމުން އަލުން ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއެއްގައި ސޮން ސައުތޭމްޓަންގެ ގޯލު ފޫއަޅުވާލުމުންނެވެ. މިއީ އޭރިއާ ތެރެއިން ސޮން އަށް ސައުތޭމްޓަންގެ އެންގަސް ގަން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ވާދަކުރާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.