ވާދަވެރި ކުޅުމަކަށް ފަހު ހޮފެންހެއިމް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ޖަރުމަން ޑީއެފްބީ ޕޯކަލް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ގަދަ ސޯޅައިގައި ރޭ މި ދެ ޓީމު ބަޔާންގެ ދަނޑުގައި ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކުރީ 4-3 އިންނެވެ. އެލިއާންޒް އެރީނާގައި ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ހޮފެންހެއިމްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއްގައި ޑިފެންޑަރު ޖެރޯމް ބޯޓެންގް އަތުން ބައިކޮޅަށް ވަން ލަނޑުން ހޮފެންހެއިމް އަށް ކުރި ލިބުނު ނަމަވެސް 13 ވަނަ މިނެޓުގައި ބަޔާނުގެ ލެފްޓް ބެކް އަލްފޮންސޯ ޑޭވިސް ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭ ޑިފެންޑަރު ހަބްނާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ބަޔާނުން ނަތީޖާ އެއްވަރުކުރި އެވެ.

ބަޔާނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ 20 ވަނަ މިނެޓުގައި ޑޭވިޑް އަލަބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ތޯމަސް މުލާ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޖެހި ލަނޑުންނެވެ. އޭގެ އިރުކޮޅެއް ކުރިން ލީޑު ނަގަން ޕޮލަންޑު ސްޓްރައިކަރު ރޮބަޓް ލެވަންޑޯސްކީ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް މުލާ ދިން ބޯޅައެއްގައި ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ކީޕަރު ފިލިޕް ޕެންޓްކޭ ވަނީ މަތަކޮށްފައެވެ. އެ ފުރުސަތު ބޭކާރުވި ނަމަވެސް ލެވަންޑޯސްކީ ވަނީ 36 ވަނަ މިނެޓުގައި މުލާގެ އެހީތެރިކަމާއެކު ލަނޑެއް ޖަހައި ބަޔާނުގެ ލީޑު ފުޅާކޮށްދީފައެވެ.

ބަޔާނުން ދެ ވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ނަމަވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުގެ ކުޅުންތެރިންނަށް ހިފޭ ގޮތެއްނުވިއެވެ. އެގޮތުން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ ކީޕަރު މަތަކުރިއިރު މުލާ އަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން ހޮފެންހެއިމްގެ ޑިފެންޑަރު ސްޓީވެން ޒޫބާ ބަޔާނުގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ އެ ލަނޑު ބާތިލް ކުރީ އޮފްސައިޑް ކަމަށް ބުނެއެވެ.

މެޗު ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައިވަނިކޮށް އަލަބާ އުފެއްދި ހަމަލާއެއްގައި ލެވަންޑޯސްކީ ބޮލުން ކާމިޔާބުކުރި ލަނޑުން ބަޔާނުން ލީޑު އަނެއްކާވެސް ފުޅާކުރިއެވެ. މެޗުގެ ފަހު ދިހަ މިނެޓު ތެރޭ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުނަސް ޑަބަރު ވަނީ ދެ ފަހަރެއްގެ މަތިން ބަޔާނުގެ ގޯލު ފޫއަޅުވާލައި ހޮފެއިންހެއިމް އަށް ފަރަގު ކުޑަކޮށްދީފައެވެ.

ޖަރުމަން ކަޕްގެ ކުއާޓާ އިން ބަޔާން ޖާގަ ހޯދިއިރު މި ބުރުގައި ކުޅުނު މެޗުތަކުން ބަލިވެ ވަރުގަދަ ޓީމުތައް ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑާއި ލީޕްޒިގް ވަނީ މުބާރާތުން ކަޓައިފައެވެ.