2-0 އިން ބޯންމަތް ބަލިކޮށް ޕްރިމިއަރ ލީގުގެ ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑުން ހަމަޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ދެވަނައިގައި 74 ޕޮއިންޓާ އެކުއެވެ. ލީގުގެ ތިންވަނައިގައި 70 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ. ރޭގެ މެޗުން ބަލިވި ބޯންމަތް އޮތީ 38 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ.

ބޯންމަތްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 28 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. ލިންގާޑް ދިން ޕާހަކުން މެޗުގެ 28 ވަނަ މިނެޓްގައި މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ކްރިސް ސްމޯލިންއެވެ. މި ގޯލަށްފަހު ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ޔުނައިޓެޑަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު ދެވަނަ ހާފްގައި ބޯންމަތް އިން ވަނީ ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން ބޯންމަތްގެ ކުޅުންތެރިން ކުރި މަސައްކަތް ޔުނައިޓެޑުގެ ޑިފެންޑަރުން ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފައެވެ.

ބޯންމަތް އިން ނަތީޖާ އެއްވަރުކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 70 ވަނަ މިނެޓްގައި ޕޮގްބާ ދިން ޕާހަކުން ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގެ މޮޅާއެކު ލީގުގެ ދެވަނައިގައި ޔުނައިޓެޑުން ހަމަޖެހިލިއިރު އެޓީމަށް ދެން ކުރިއަށް އޮތީ އެފްއޭކަޕްގެ ސެމީފައިނަލްގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެފްއޭކަޕަކީ މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ތަށްޓެވެ.

ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.