އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވުމުގެ ފައިދާ، އެޓީމާއި އެންމެ ގާތުން ވާދަކުރަމުން އަންނަ ނަޕޯލީ އިން ނަގައިފިއެވެ.

ރޭގެ މެޗު އެއްވަރުވި ނަމަވެސް 85 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ ޔުވެންޓަސްއެވެ. ނަޕޯލީ ރޭ މޮޅުވުމުން ދެވަނައިގައި އެޓީމު މިހާރު އޮތީ 81 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި 64 ޕޮއިންޓާ އެކު އޮތީ ރޯމާއެވެ.

ޔުވެންޓަސް ރޭ އެއްވަރުވީ ރަށުން ބޭރުގައި ކްރޮޓޯންއާ ބައްދަލުކޮށް 1-1 އިންނެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް އެލެކްސް ސަންޑްރޯއެވެ.

ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި ސިމީ އެންވަންކޯ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ކްރޮޓޯން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޔުވެންޓަސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ. މި ގޯލަށްފަހު ޔުވެންޓަސް އިން ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ޔުވެންޓަސް އެއްވަރުވުމުގެ ފައިދާ ނަޕޯލީ އިން ނެގީ ރޭ އަމިއްލަ ދަނޑުގައި އުދިނޭސީގެ މައްޗަށް 2-4 އިން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ނަޕޯލީ އިން ކާމިޔާބުކުރި ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ރައުލް އަލްބިއޯލް އާއި އިންސިންޔޭ އާއި މިލިކްގެ އިތުރުން ލޮރެންޒޯ ޓޮނެލީއެވެ.

އިޓާލިއަން ލީގުގެ ކުރީގައި ޔުވެންޓަސް އާއި ނަޕޯލީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، އަންނަ އާދީއްތަ ދުވަހު ލީގުގައި މި ދެ ޓީމު ބައްދަލުކުރާނެއެވެ.

އިޓާލިއަން ލީގު ފާއިތުވި ހަ އަހަރު ވެސް ކާމިޔާބުކޮށްފައި ވަނީ ޔުވެންޓަސް އިންނެވެ.