އިނގިރޭސވިލާތުގެ މެންޗެސްޓާގެ ދެ ކްލަބުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ލިއޮނެލް މެސީ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން އާޖެންޓީނާގެ ފޯވަޑް މެސީ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިމިވަނީ ބާސެލޯނާގެ ޑިރެކްޓަރ އޮފް ފުޓްބޯލް އެރިކް އަބިދާލްއާ މެސީއާ ދެމެދު ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ބާސެލޯނާގެ ކުރީގެ ކޯޗް އާނެސްޓޯ ވަލްވޭޑޭ ޓީމާއި ހަވާލުގެން ހުރިއިރު ޓީމުގެ ކުޅުންތެރިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެ އަބިދާލް ދިން އިންޓަވިއުއަކާ ގުޅިގެން މެސީ ވަނީ އަބިދާލް އަށް ފާޑުކިޔައިފައެވެ.

އަބިދާލް ދިން އިންޓަވިއުގެ ހަބަރު އިންސްޓަގްރާމްގައި ޕޯސްޓުކޮށް އެއަށް ރައްދު ދެމުން މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން ވަކި ވަކިން ބުނަން ޖެހޭނެ ކަމަށެވެ.

ސްޕެއިންގެ ނޫހަށް ދިން އިންޓަވިއުގައި އަބިދާލް ވަނީ މެސީގެ ކޮންޓްރެކްޓާ ބެހޭގޮތުންވެސް ވާހަކަ ދައްކައިފައެވެ. އެގޮތުން މެސީ ބާސެލޯނާގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އޭނާ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް އަބިދާލް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އަބިދާލް އާއި މެސީގެ ހީނަރުވެފައިވާ ގުޅުމުގެ ސަބަބުން އޭނާ ބާސާގެ ކޮންޓްރެކްޓް އާނުކޮށް ސީޒަން ނިމުމުން އެހެން ކްލަބަަކަށް ބަދަލުވެދާނެ ކަމުގެ އަޑުތައް ވަނީ މިހާރު ފެތުރެން ފަށައިފައެވެ.

މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގައި އޭނާ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާ އެއްގެ ދަށުން އެހެން ކްލަބަކަށް ބަދަލުވުމުގެ އިހްތިޔާރު އޭނާ އަށް އޮވެއެވެ. މީގެ އަހަރުތަކެއް ކުރިން ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީއާ ހަވާލުވި ހިސާބުން ފެށިގެން މިއަދާ ހަމައަށް މެސީ އެ ކްލަބަށް ބަދަލުވެދާނެ ކަމުގެ ވާހަކަތައް ދެކެވެމުން އައި އިރު މިހާރު އެކަމަށް ފެހި ސިގްނަލެއް ލިބިދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓު ކުރާގޮތުން މެން ސިޓީ އާއި މެން ޔުނައިޓެޑުން އަންނަނީ 32 އަހަރުގެ މެސީގެ ޙާލަތު މޮނީޓާ ކުރަމުންނެވެ.

އަނިޔާގެ ސަބަބުން މިސީޒަނުގެ ކުރީކޮޅު ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް މެސީ އަންނަނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސް ސްޕެނިޝް ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން 14 ގޯލާއެކު ލަލީގާ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީވެސް މެސީ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބް

    މެސީ ދާންވީ ސިޓީއަށް .. ވަރަށް ފޯރި ގަދަވާނެ

    11
    12
  2. ބާސާ

    މެސީ ދާންވީ މަހަށް.?

    114
    11
  3. ނަމެއް ނޭނގެ

    މެސީ ދާންވީ ރާއްޖޭގެ ވެލެންސިއާ އަށް

  4. ގާޑިއޯލާ

    މެސީ ދާންވީ ފަރަށް