އޮސްޓްރިއާގައި ކުޅޭ ދިވެހި ކުޅުންތެރިޔާ މަނީއު - ފޮޓޯ: ފޭސްބުކް

ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހުވަފެންތަކެއް ވެސް ހުންނާނެ އެވެ. ކެރިޔަރުގައި ހާސިލްކުރަން ބޭނުންވާ ކާމިޔާބީތަކެއް ހުންނާނެ އެވެ. ކުރިއެރުމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެ އެވެ. ހަމައެގޮތަށް އުންމީދުތަކެއް ވެސް ހުންނާނެ އެވެ. އެގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދި އޮސްޓްރިއާގައި ކުޅެމުންދާ ކުޅުންތެރިޔާ މަނީއު ރައުފްގެ ވެސް އުންމީދުތަކެއް އަދި ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ.

ADS BY SONEE SPORTS

ރިޔޫނިއަންގައި އަންނަމަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އިއުލާންކުރިއިރު، އެ ލިސްޓްގައި އުމުރުން އެންމެ 17 އަހަރުގެ ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ އޮސްޓްރިއާގައި ދިރިއުޅެމުންދާ އަދި އެގައުމުން ފުޓްބޯޅަ ކެރިޔަރު ފެށި މަނީއު އެވެ.

ގައުމީ ޓީމުގައި މަނީއު ހިމެނުމުން ގިނަބަޔަކު ހައިރާންވިއެވެ. އެއީ ދިވެހިންނަށް މަނީއުގެ ކުޅުން ފެނިފައިނުވާތީ އެވެ. ދިވެހިންނަށް ވަރަށް އަވަހަށް މަނީއުގެ ކުޅުން ވެސް ފެނިގެންދާނެ އެވެ. އަންނަ އާދީއްތަ ދުވަހު މާލެއިން ގައުމީ ޓީމާ މަނީއު ގުޅޭނެއެވެ. ކުރިން ދިވެހިންގެ ތެރޭގައި އާންމުވި ނަމަކަށް މަނީއުގެ ނަން ނުވި ނަމަވެސް، މިހާރު އޭނާގެ ނަމަކީ އާ ނަމެއް ނޫނެވެ. ކުޅެނީ ކޮން ގައުމެއްގައި ކަން ވެސް އެނގެއެވެ. ބައްޕައަކީ ދިވެއްސެއްކަމާއި މަންމައަކީ އަސްޓްރިއާގެ ރައްޔިތެއްކަން ވެސް އެނގެއެވެ.

މަނީއުގެ އުންމީދުތަކުގެ ތެރޭގައި ރާއްޖޭގެ ކްލަބަކުން ޖާގައެއް ހޯދުމުގެ އުންމީދު ހިމެނެއެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ދިވެހި ކުޅުންތެރިންނާއެކު ކުޅެން އޭނާ ބޭނުންވެ އެވެ. އަންނަ އަހަރު ތެރޭގައި ރާއްޖޭގެ ކްލަބަކުން މަނީއު ފެނިގެންދިއުމަކީ ވެސް ގާތް ކަމެކެވެ.

"ޑިސެމްބަރު މަހު ބޮޑު ޗުއްޓީއެއްގައި މާލެއަށް ދާނަން. އޭރަށް ދެން އަޅުގަނޑު ވިސްނާނަން ދިވެހި ކްލަބަކާ ގުޅެން. ދިވެހި ކްލަބަކަށް ކުޅެން ވަރަށް ބޭނުން. އޮސްޓްރިއާގައި މަޝްހޫރު ކްލަބަކުން ޖާގަ ހޯދުމަކީ ވަރަށް އުނދަގޫކަމެއް. ނަމަވެސް އަދި އެއްވެސް ދިވެހި ކްލަބަކާ ގުޅުމަށް ވާހަކަދައްކާފައެއް ނޯންނާނެ،" ވަގުތަށް ދިން އިންޓަވިއުއެއްގައި މަނީއު ބުންޏެވެ.

މަނީއުއަށް ރާއްޖޭގެ ފުޓްބޯޅަ އެނގެއެވެ. ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ބައެއް މެޗުތައް ވެސް އޭނާ ބަލައެވެ. ރާއްޖޭގެ ކުޅިވަރު ހަބަރުތައް އޭނާ ކިޔާ ހަދައެވެ. ރާއްޖޭގައި ރަނގަޅު ކުޅުންތެރިންތަކެއް ތިބިކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރާއްޖޭގެ މެޗުތައް އަދި ކްލަބުތަކުގެ މެޗުތައް ބަލައިލުމަށް އޭނާއަށް ލިބެނީ ވަރަށް މަދު ފުރުސަތެކެވެ.

"ރާއްޖޭގެ ފުޓްބޯޅަ އަޅުގަނޑަށް އެނގޭ. އަހަރެން ކޮންމެ ދުވަހަކުވެސް މޯލްޑިވްސޮކާ ވެބްސައިޓް ބަލަން. އަދި ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުވެސް ބެލިން. ރާއްޖޭގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ވެސް އެބަތިބި،" މަނީއު ބުންޏެވެ.

މަނީއު (ވ) އޮސްޓްރިއާގައި ކުޅެނީ - ފޮޓޯ: ފޭސްބުކް
މަނީއު (ވ) އޮސްޓްރިއާގައި ކުޅެނީ - ފޮޓޯ: ފޭސްބުކް

ރާއްޖޭގައި މޮޅެތި ކުޅުންތެރިންތަކެއް ތިބިކަން މަނީއު ފާހަގަކުރި ނަމަވެސް، އޭނާ ސަޕޯޓްކުރާ ވަކި ކުޅުންތެރިޔަކު ނުހުރެއެވެ. މަނީއު ސަޕޯޓްކުރާ ކްލަބަކީ އެންމެ ފަހުގެ ދިވެހި ލީގު ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. "ޗެރިޓީ ޝީލްޑްގައި ނިއުއާއި މާޒިޔާ ބައްދަލުކުރި މެޗު އަޅުގަނޑު ބެލިން. އަޅުގަނޑު ބޮޑަށް ސަޕޯޓްކުރާ ކްލަބަކީ މާޒިޔާ. އެކްލަބުގެ ކޯޗާވެސް އަޅުގަނޑު ވާހަކަދެއްކިން. ނަމަވެސް އެކްލަބާ ގުޅުމުގެ ވާހަކައެއް ނުދެކެވޭ،" އޭނާ ބުންޏެވެ.

މަނީއުއަށް އެންމެ އުފާވީ ދުވަހަކީ ރާއްޖޭގެ ގައުމީ ޓީމުން އޭނާއަށް ޖާގަ ދިން ދުވަހެވެ. އަދި އޭނާ ހުރީ ވެސް ގައުމީ ޓީމުގައި އޭނާގެ ފެންވަރު ދައްކާލުމަށް ތައްޔާރަށެވެ. އޭނާ ހުރީ ގައުމީ ޓީމާއެކު ތަމްރީންކުރުމަށް ކެތްމަދުވެފައެވެ. "އަޅުގަނޑު ވަރަށް އުފާވި ދުވަހެއް އެއީ. ގައުމީ ޓީމުން ޖާގަ ދިނުމުން. މިއީ ހީކުރެވުނު ކަމެއް ވެސް ނޫން. އަޅުގަނޑުގެ އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.

މަނީއުއަކީ ވަރަށް ޅަ އުމުރުގައި ފުޓްބޯޅަ ކުޅެން ފެށި ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ އުމުރުން އެންމެ 12 އަހަރުގައެވެ. އޮސްޓްރިއާގެ ވިއެނާގައި އެސްއާރް ޑޮނޯފެލްޑް އަދި އެފްސީ ހެލަސް ކަގްރަންއަށް އޭނާ ވަނީ ކުޅެ، ތަޖުރިބާތަކެއް ހޯދައިފަ އެވެ. ނަމަވެސް މިހާރު އޮސްޓްރިއާގެ ކްލަބަކާއެކު އޭނާ ކޮންޓްރެކްޓެއް ހަދާފައެއް ނުވެއެވެ. ދެން އޭނާގެ ޓާގެޓަކީ ދިވެހި ކްލަބަކަށް ކުޅުމެވެ. އާންމުކޮށް މަނީއު ކުޅެމުންދަނީ ވިންގަރ ނުވަތަ ފޯވަޑްގެ ފަހަތުންނެވެ. މަނީއުގެ ހުވަފެނަކީ ފުޓްބޯޅައިގައި ކާމިޔާބު ކުޅުންތެރިޔަކަށްވުމަށެވެ.

އުމުރުގެ ބޮޑުބައެއް އޮސްޓްރިއާގައި ހޭދަކުރަން ޖެހުމުން މަނީީއުއަށް މާބޮޑަށް ދިވެހި ބަހުން ވާހަކަދައްކާކަށް ނޭނގެއެވެ. މީހަކު ދިވެހިން ވާހަކަދައްކާނަމަ، ކޮންމެވެސް ވަރަކަށް އެބުނާ އެއްޗެއް އޭނާ އެނގެއެވެ. ނަމަވެސް މަނީއުއަށް އުމުރުން ހަތަރު އަހަރުގައި ވަރަށް ރަނގަޅަށް ދިވެހި ބަސް އެނގެއެވެ.

ރާއްޖެއިން ބޭރުގެ ކްލަބުތަކުގައި ތަމްރީން ހަދައި، ކުޅެމުންއަންނަ ދިވެހި ކުޅުންތެރިން މަދެއް ނޫނެވެ. ގައުމީ ޓީމުގެ ކޯޗު ވެލިޒާ ޕޮޕޯވް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަނީއުއަށް ފުރުސަތެއް ދިނުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. ރާއްޖެއަށް އިތުރު އަލީ އަޝްފާގު (ދަގަނޑޭ) އެއް އެބަ ބޭނުންވެއެވެ. އިތުރު ކީޕަރު އިމްރާން އެއް އެބަ ބޭނުންވެއެވެ. ބޭރުގައި ކުޅޭ ކުޅުންތެރިންނަށްވެސް ފުރުސަތުދީގެން ފެންވަރު ބަލަން އެބަޖެހެއެވެ.

ADS BY SHEESHA

 

3 ކޮމެންޓް

  1. މަވެސް ބޭނުން ރާއްޖޭ ޓީމަކައް ކުޅެން

  2. ކިޔުންތެރިއެއް

    އަހަރެންވެސް ބޭނުން ރާއްޖޭގެ ކުލަބަކަށް ކުޅެން،........

  3. ރާއްޖެއަށް މިވަގުތު ބޭނުންވަނީ އިތުރު އޮއްޕޮއެއް.. މަނީއުއަށް އެމަގާމު ފޫބެއްދޭނެ ކަމަށް ވަރަށް އުއްމީދު ކުރަން.. މެދުތެރެއަށް ކުޅޭ ކުޅުންތެރިޔަކަށް ވީމަ މިހެން މި ފާހަގަކޮށްލީ..