މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޖޭޖޭ ސްޕޯޓްސް ކްލަބުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޖޭޖޭ ކާމިޔާބުކުރީ 7-3 އިންނެވެ. މި ނަތީޖާއާއެކު ގްރޫޕް އެކަކުން ޖޭޖޭ ސެމީ އަށް ދަތުރު ކުރީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުގެ އެއް ވަނަ ހޯދީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެވެ. ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް ވެލެންސިއާ ސެމީ އަށް ދިޔަ އިރު ދެވަނަ ހޯދައިގެން ސެމީ އަށް ދިޔައީ ކްލަބް ޕީކޭ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-1 އިން ޖޭޖޭ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ. ޖޭޖޭގެ ފުރަތަމަ ލަނޑު ނޭޕާލް ފޯވަޑް އަބީޝެކް ރިޖާލް ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން މަހިބަދޫގެ އަހުމަދު ފުއާދު އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ދެ މިނެޓު ފަހުން އަހުމަދު އައިހަމް ވަނީ ލިބުނު ހިލޭ ޖެހުމަކުން މަހިބަދޫގެ ގޯލު ފޫއަޅުވާލައި ޖޭޖޭ އަށް ލީޑު ނަގައިދީފައެވެ. އައިހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޭޖޭގެ ތިން ވަނަ ލަނޑު ޖެހީ އަލީ ނާފިއު އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ޖޭޖޭގެ ހަތަރު ވަނަ ލަނޑު އަލީ ހާފިޒް (ހާއްޕެ) ޖެހި އިރު އޭގެ މިނެޓެއް ފަހުން ފަސް ވަނަ ލަނޑު ޖެހީ ރިޖާލް އެވެ. ރިޖާލް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން މަހިބަދޫގެ އިސްމާއީލް ނަޒީރު އާއި ޝުއައިބް ސައީދު ކާމިޔާބުކުރި ލަނޑުތަކުން ފަރަގު ކުޑަވިއެވެ. 6-3 އިން މެޗު ނިމެމުން ދަނިކޮށް ޖޭޖޭ ސްޕޯޓްސް އަށް ލީޑު އަނެއްކާވެސް ފުޅާކޮށްދިނީ ރިޖާލް އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ މިރޭ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ދިވެހި ސިފައިންގެ ކްލަބް ވާދަކުރާ މެޗެވެ. ގްރޫޕް އެކެއްގައި ހިމެނޭ މި ދެޓީމަށް ވެސް ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބަންދުވެފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ ސެމީގައި އެދުވަހު ހަވީރު ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑާއި ކްލަބް ޕީކޭ އެވެ. އެ ރޭ ކުޅޭ ދެ ވަނަ ސެމީގައި ޖޭޖޭ ސްޕޯޓްސް ކްލަބް ނުކުންނާނީ ވެލެންސިއާ އާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު އެވެ.