ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓެންޓަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖައްސައިފި އެވެ.

ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާން މަސަތްކަތް ކުރާނީ ސީނިއާ ގައުމީ ޓީމުގެ ގޯލްކީޕިންގް ޓްރެއިނަރު މުހައްމަދު އަސްލަމުގެ ދަށުންނެވެ. ގައުމީ ޓީމުން އިމްރާން ރަސްމީކޮށް ރިޓަޔާ ކުރީ 2018 ވަނަ އަހަރުގައެވެ. އިމްރާންގެ ރިޓަޔަމަންޓާ ގުޅިގެން އެފަހަރު އެފްއޭއެމުން ވަނީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއާ ގުޅިގެން ހާއްސަ މެޗެއް ވެސް ބާއްވައިފައެވެ. އޭގެ ފަހުން ކްލަބް ލެވެލްގައި މި ސީޒަނުގެ ކުރީކޮޅު އިމްރާން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނަމަވެސް ސީޒަނުގެ މެދަކާ ހަމައިން ކޮންޓްރެކްޓް އުވާލައި ޓީސީ ދޫކޮށްލުމަށް ފަހު އިމްރާން ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ.

އިމްރާން ފުޓްބޯޅަ ކުޅުން ހުއްޓާލީ ގޯލްކީޕަރުންގެ ތެރެއިން ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިއާގެ ޝަރަފާއެކު އެވެ. 17 އަހަރު ވަންދެން ގައުމީ ގޯލު ބެލެހެއްޓި އިމްރާން ވަނީ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަތް ފަހަރު ކުޅެ 2008 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. ސާފްގެ ތަށި ރާއްޖޭން 2008 ގައި ހޯދައި ޖެހިގެން އައި އަހަރު މުބާރާތުގެ ރިހި މެޑަލް ހޯދިއިރު އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މީގެ އިތުރުން 2004 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖޭން އެއްވަރު ކުރި މެޗުގައި ވެސް އިމްރާން ދެއްކި ކުޅުން ފާހަގަކޮށްލެވެއެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް އިމްރާން ހަމަޖައްސިއިރު، މިއީ އޭނާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.

އިމްރާންގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގްރީން ސްޓްރީޓުގެ ކޯޗުގެ ގޮތުގައި މަސަތްކަތް ކުރަމުން އައި އަލީ ސުޒޭން ވަނީ ހަމަޖައްސައިފައެވެ. ސުޒޭން މަސަތްކަތް ކުރާނީ ހެޑް ކޯޗް މާޓީން ކޫޕްމަންގެ ދަށުން އަދި އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް އާއެކު އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެތައް ކާމިޔާބީތަކެއް ހޯދައިފައިވާ ދެ ފަރާތެއް މިރޭ ގައުމީ ޓީމާ ގުޅިގެން ދިއުމުން މިވަގުތު ގައުމީ ޓީމުގެ ކޯޗިންގް ޑިޕާޓްމަންޓް އޮތީ ވަރަށް ވަރުގަދަކޮށެވެ. އާ ކޯޗިންގް މެނޭޖްމަންޓާއެކު ގައުމީ ޓީމުގެ ޕްރެކްޓިސްތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ޕްރެކްޓިސް ފަށާއިރު ޓީމުގެ ސްކޮޑު އެކުލަވާލުމުގެ މަސައްކަތް އެފްއޭއެމުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގައުމީ

    ޙުރިހާ ކަަމެއް ސިޔާސީ ކޮށްލާފަ، ފުޓްބޯޅަ ހަލާއްކު ކޮށްލައިފި

  2. ޖަޒީރާ ބޯއީ

    އިމްރާން އަކީ މޮޅު ކީޕަރެއް އެކަމަކު އިމަރާން އަކީ މިހާތަނަށް ކީޕާސް ޓްރޭނިންގް އިން އެއްވެސް ސަނަދެއް ހާސިލްކޮށްފައިވާ މީހެއްނޫން. އަދި އެފަދަ ތަމްރީނެއްވެސް ހަދާފައިވާ މީހެއްނޫން. ދިވެހިންގެ މެދުގައި މަގުބޫލުވާއިރަށް އިދެލަނީ ބަލައެއްނުލާ އަންހެނެއްތޯ ފިރިހެނެއްތޯއެއް. މީވަރަށް ދެރަވަރު. ރާއްޖޭގައި ފުޓުބޯޅާގައި ކިޔަވައިގެން ތިބި މަދު ކޯޗުން އެހެން ކޯޗުންނާއި އަޅާކިޔާލެވޭނެއެވެ.

  3. އިދާމް

    މީހަކު ނެތްތާކަށް ދެން އޯކޭ. އެކަމަކު ކުރިއަރުވާނަމަ ވެލް ޓްރޭން ކޯޗެއް ހޯދުން މޮޅު.

  4. ގުލާބްޖާމް

    ދުނިޔޭގައި މޮޅެތި ކުޅުންތެރިން ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ދާއިރާއިން ނުކުންނަނީ އެމީހުން ކުޅެމުންދާ ދުވަސްވަރުވެސް ކޯޗިންގެ ދާއިރާއިން ދަނީ ތަމްރީނުވަމުން. ރާއްޖޭގައި ތަފާތު ދެބޯޅަޖަހާލާފައި ކޯޗަކަށް.

  5. އުދަ ބާނި

    ކޯޗުން ޓްރޭނަރުން ނަކީ ތޯތޯބައެއްނޫނެވެ. އެކަމަކު ރާއްޖޭގައި މީ ޖޯކަރުންނެވެ. ދެބޯޅަ ޖަހާލާފައި ކޯޗަކަށް، ދެބޯޅަ ހިފާލާފައި ޓްރޭނަރަކަށް. ކޯޗިންގެ ދާއިރާއިން ކިޔަވާފައި ތިބި މީހުނާއި ކޯޗިންގެ ދާއިރާގައި އުގުޅިފައި ތިބިމީހުންގެ މިސާލަކުން މިސާލް ޖަހާލާނަން.. ކިޔަވައިގެން ކޯޗަކަށް މޯހަން. އުގުޅިގެން ކޯޗަކަށް ނިޒާމްބެ އަދި ސުޒޭނު. މި ދެ ޒާތުގެ ފަރަގު.. އެއްވެސް ޓީމެއް މެނޭޖްކުރުމުގައި މިހާތަނަށް ނެތް ކާމިޔާބުވެފައެއް. މިކިޔަނީ މޮޅެތިކުޅުންތެރިން ހުރި ޓީމަކަށް ކާމިޔާބު ވުމެއްނޫން.