ދިވެހި ޕްރެމިއާ ލީގުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދެއްކި ޓީސީ ސްޕޯޓްސް ކްލަބުގެ އިޝާން އިބްރާހިމް (ސައްޓު) އާއި އިސްމާއިލް އީސަ (މެސީ) އަދި ކްލަބް ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރު އަށް ޤައުމީ ފުޓްބޯޅަ ޓީމުން ފުރުޞަތު ދީފިއެވެ.

އެފްއޭއެމްއިން ފުރަތަމަ ކްލަބްތަކަށް ފޮނުވި ލިސްޓްގައި ޓީސީގެ ދެ ކުޅުންތެރިންގެ އިތުރުން ގްރީންގެ މުހައްމަދު އުމެއިރު ހިމަނާފައި ނުވާއިރު މިއަދު އާ ކޯޗު ކޫޕްމަން އާއެކު ކުރިއަށްގެންދިޔަ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ވެސް މި ތިން ކުޅުންތެރިން ބައިވެރިއެއްނުވެ އެވެ. އެނގިފައިވާ ގޮތުގައި ދެން އޮންނަ ގައުމީ ޓީމުގެ ޕްރެކްޓިހުގައި އެ ކުޅުންތެރިން ބައިވެރިވާނެ އެވެ.

ގައުމީ ޓީމަށް ބަދަލުތަކެއް އަތުވެދާނެކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް ދިނީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި އަލީ ސުޒޭން އެވެ. އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ހާއްސަ ބަައްދަލުވުމުގައި ވާހަކަ ދައްމުން ސުޒޭން ބުނީ ކޫޕްމަންގެ އިރުޝާދުގެ ދަށުން ނެގި ފުރަތަމަ ސްކޮޑަކީ ކުރީގެ ޓީމަށް ބަރޯސާވެގެން ނެގި ޓީމެއް ކަމަށެވެ. ސުޒޭން ބުނީ މޮޅަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން އެ ސްކޮޑުގައި ހިމެނިފައިވާ ނުވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަ އާއިލާ އިން ބަލައިގަންނަ ވަރުގެ ސްކޮޑެއް އެކުލަވާލުމަށް މަސަތްކަތް ކުރާނެ ކަމަށެވެ.

ހެޑް ކޯޗު ކޫޕްމަން ގައުމީ ޓީމާ ހަވާލުވި ދުވަހު ވެސް ބުނީ މޮޅަށް ކުޅޭނަމަ ޓީމުން ފުރުސަތު ލިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ލީގުގެ ފަހު ދެ ބުރުގައި އެންމެ ވިދާލި ކުޅުންތެރިންތައް ނުހިމަނައި ލިސްޓު ނެރުމާއެކު ސަޕޯޓަރުންގެ ނުރުހުން ކޯޗަށް އަމާޒުވެގެންދިޔައެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 26 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށާއި 31 ވަނަ ދުވަހު މާލޭގައި ސީރިއާއާ ބައްދަލުކުރާ މެޗަށް ގައުމީ ޓީމް ތައްޔާރުވަމުން އަންނަ އިރު ސައްޓު އާއި އީސަގެ އިތުރުން އުމެއިރު ޓީމާ ގުޅިގެން ދިއުމަކީ ޓީމު އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއްކަން ޔަގީނެވެ.

ތިންވަނަ މަގާމުގައި ޓީސީން ދިވެހި ލީގު ނިންމާލާފައިވާއިރު އީސަ އާއި ސައްޓު އަކީ ދެވަނަ ބުރުން ފެށިގެން މުޅި ލީގުގައި ވެސް އެންމެ މޮޅަށް ކުޅެމުން އައި ކުޅުންތެރިންގެ ތެރޭ ހިމެނޭ ދެ ކުޅުންތެރިންނެވެ. އީސަ ވަނީ ލީގުގައި މުޅިއެކު އޭނާ ކުޅުނު 21 މެޗުގައި 12 ލަނޑު ޖަހައި އިތުރު 10 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. ސައްޓު ވަނީ 21 މެޗުން 13 ލަނޑު ޖަހައި އިތުރު 4 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. މިއީ ބ. އޭދަފުއްޓަށް އުފަން ސައްޓު ގައުމީ ޓިމަށް ނެގި ފުރަތަމަ ފަހަރެވެ. އީސަ އެންމެ ފަހުން ގައުމީ ޓީމުގައި ހިމެނުނީ 2017 ވަނަ އަހަރު އެވެ.

ގައުމީ ޓީމުން ެދެން ފުރުސަތު ލިބުނު އުމެއިރަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު މިޑްފީލްޑަރުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އުމެއިރު ވަނީ މި ސީޒަނުގައި ގްރީންގެ މެދުތެރެ ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ކޫޕްމަންގެ އިރުޝާދުގެ ދަށުން ފުރަތަމަ އެކުލަވާލި ގައުމީ ސްކޮޑުން އަލަށް ޖާގަ ލިބުނީ ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) އާއި ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދުގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ އަހުނަފް ރަޝީދު އަށެވެ.