އޮސަސޫނާގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގް ތާވަލުގެ އެންމެ ކުރީގައި މަގާމު ދަމަހައްޓައިފިއެވެ.

ރޭ ރަށުން ބޭރުގައި ތާވަލުގެ 13 ވަނައިގައި އޮތް އޮސަސޫނާއާ ދެކޮޅަށް ކުޅެ ރެއާލް މެޑްރިޑް މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 4-1 އިންނެވެ. މި މޮޅާއެކު ރެއާލް ލަލީގާގެ އެއްވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދައިފައިވާ ޗެމްޕިއަން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ. ތިންވަނައިގައި އޮތީ 42 ޕޮއިންޓާއެކު ގެޓާފޭ އެވެ.

ރޭ ރެއާލް އާއި އޮސަސޫނާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ހޯމް ޓީމުންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ރުބެން ގާސިއާ ނަގައިދިން ކޯނަރެއްގައި ބޮލުން ރެއާލްގެ ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު އޮސަސޫނާ އަށް ކާމިޔާބުކޮށްދިނީ އުނޭ ގާސިއާ އެވެ. ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 34 ވަނަ މިނެޓުގައި އިސްކޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އިސްކޯ ލަލީގާގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.

އިސްކޯ ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިންތާ ފަސް ވަރަކަށް މިނެޓު ފަހުން ލޫކާ މޮޑްރިޗް ނަގައިން ކޯނަރެއްގައި ކަސެމީރޯގެ އެހީތެރިކަމާއެކު ކެޕްޓަން ސާޖިއޯ ރާމޮސް ވަނީ ރެއާލް އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. މިއީ ރާމޮސް ރެއާލް ޖާޒީގައި ޖެހި 90 ވަނަ ލަނޑެވެ. އަދި މިއާއެކު އޭނާ ވަނީ ޖެހިޖެހިގެން 17 ލަލީގާ ސީޒަނުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދައިފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލްގެ ރައިޓް ބެކް ނަޗޯ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލު ދަނޑި ކައިރިން ބޭރަށްދިޔަ އިރު އޮސަސޫނާ އިން ލީޑު ނެގިތާ އިރުކޮޅެއް ފަހުން ރެއާލުން އުފެއްދި ހަމަލާއެއްގައި ކަރިމް ބެންޒެމާ އާއި ޑަނީ ކާވަހާލް ކައިރި ކައިރީގައި ފޮނުވާލި ބޯޅަތައް ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު ސާޖިއޯ ހެރޭރާގެ ހުޝިޔާރުކަމުންނެވެ.

ރެއާލްގެ ފަހު ދެ ލަނޑު ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ލޫކަސް ވަޒްކޭޒް އާއި ލޫކާ ޖޮވިޗް އެވެ. އެގޮތުން ބެންޒެމާ ދިން ބޯޅައެއްގައި ވަޒްކޭޒް ތިންވަނަ ލަނޑު ޖެހިއިރު ފަހު ލަނޑު ޒުވާން ޖޮވިޗް ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ފެޑެރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ރެއާލް އަށް ދެން ކުރިއަށް އޮތީ ލީގުގައި ސެލްޓާ ވީގޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗެވެ.