މުސްތަގުބަލަށް ޒުވާން ފުޓްބޯޅަ ޓީމުތަކެއް ބިނާކުރުމުގެ މަގުސަދުގައި އެފްއޭއެމުން އަންނަނީ "ޓުވާޑްސް ފިއުޗާ" ބެނާގެ ދަށުން ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޒުވާން އުމުރުފުރައިގެ ގްރޫޕުތަކަށް ހާއްސަކޮށްގެން "ޔޫތު ލީގް"ގެ ނަމުގައި ފުޓްބޯޅަ މުބާރާތްތައް ބޭއްވުމާއި ޒުވާން ޓީމުތަކަށް ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ގިނަ ފުރުސަތުތަކެއް އެފްއޭއެމް އިން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދާދީފައެވެ.

"ޓުވާޑްސް ފިއުޗާ" ގެ ދަށުން އެފްއޭއެމް އިން ކުރަމުން އަންނަ އެންމެ ބޮޑު މަސަތްކަތަކީ ދުރު ރާސްތާ ޕްލޭނަކާއެކު ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ މަސަތްކަތެވެ. އެފްއޭއެމް އިން މި މަސަތްކަތް ހަވާލުކުރީ ކުޅުންތެރިން އުފެއްދުމާއި ތަމްރީނު ކުރުމުގައި ދިވެހި ގައުމު ދުތް އެންމެ މޮޅު އެއް ޓްރެއިނަރު އިސްމާއިލް އާސިފް (ކުޑަހީނާ) އާ އެވެ. ކުޑަހީނާ ހަމަޖައްސާފައިވަނީ 13 އަހަރުން ދަށުގެ ކުޅުންތެރިން ތަމްރީން ކުރުމަށާއި 16 އަހަރުން ދަށުގެ ފެންވަރު ރަނގަޅު ގައުމީ ޓީމެއް ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގުމަށެވެ.

13 އަހަރުން ދަށުގެ "އެލީޓް ގައުމީ ޓީމެއް،" މުޅި ރާއްޖެއިން ބިނާކުރުމުގެ މަސަތްކަތް ކުޑަހީނާ ފަށާފައިވާއިރު އޭނާ ވަނީ އެފްއޭއެމް އިން ބާއްވަމުން އަންނަ ޔޫތު ލީގުތަކުންނާއި މިދިޔަ އަހަރުގެ ޓޫރިޒަމް ދުވަހާއި ގުޅިގެން ބޭއްވި ކިޑްސް ފިއެސްޓާ އިން ފާހަގަކޮށްލެވުނު ކުޅުންތެރިން ހިމަނައިގެން ޓީމެއް އެކުލަވާލާފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެއްކުރެވުނު ކުޅުންތެރިންނާއެކު ކުޑަ ހީނާ މިހާރު މަސަތްކަތް ކުރަމުން އަންނަ އިރު ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޮތުގައި މި ޓީމު އަންނަ މަހު ދުބާއީގައި ފަށާ އިންޓަ ކޮންޓިނެންޓަލް ޔޫތު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ރަސްމީ އެކަޑަމީތައް ބައިވެރިވާ އިންޓަ ކޮންޓިނެންޓަލް ކަޕްގައި ރާއްޖޭން ވާދަކުރާ ޓީމަކީ ވެސް ވަކި ބަލި ޓީމެކޭ ދެންނެވޭކަށް ނެތެވެ. ހައްތާވެސް ތިބީ ހުނަރުން ފުރިގެންވާ ކުޅުންތެރިންނެވެ. އުމުރުން ކިތައްމެ ހަގު ނަމަވެސް މި ކުދިންގެ ހިތްތަކުގައި ފުޓްބޯޅަ އަށް ދެވިފައިވަނީ ހާއްސަ ލޯތްބެކެވެ. ގައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ އަޒުމުގައި ހިތްވަރާއެކު މަސަތްކަތް ކުރަމުން އަންނަ މި ޓީމުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ އެންމެ 11 އަހަރުގެ އީތަން އިބްރާހިމް ޒަކީ އެވެ.

ކުރީގެ ކޯޗު އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އިސްނަންގައިވައިގެން މީގެ 12 އަހަރު ކުރިން އުފެއްދި އާލީ ޓަޗް ފުޓްބޯލް އެކެޑެމީން އެންމެ ފުރަތަމަ ތަމްރީން ހޯދައިގެން ނިކުތް އީތަން އިބްރާހިމް ޒަކީ އަކީ ރާއްޖޭގެ އެންމެ ޒުވާން އުމުރު ފުރައިގެ ގައުމީ ޓީމުގައި ހިމެނޭ އެންމެ މޮޅު އެއް ކުޅުންތެރިއާއެވެ. ސެންޓްރަލް ފޯވަޑް/ ވިންގާ ޕޮޒިޝަނަށް ކުޅޭ އީތަން އަކީ ހުނަރުން ފުރިގެންވާ ތަފާތު މޮޅު ކުއްޖެކޭ އޭނާ ކުޅޭތަން ބަލާ ކޮންމެ މީހަކުހެން ބުނެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.

އެފްއޭއެމް އިން މިދިޔަ އަހަރު ބޭއްވި 13 އަހަރުން ދަށުގެ ޔޫތު ލީގުގެ ދެވަނަ ޓީސީން ހޯދިއިރު އީތަން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މުބާރާތުން ފާހަގަކޮށްލެވުނު އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް އީތަން ހިމެނުނު އިރު އޭނާ އަކީ 13 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ އެންމެ ޓެކްނިކަލީ ގިފްޓެޑް އެއް ކުޅުންތެރިއާ އެވެ. އީތަންގެ ކުޅުން ބަލާލުމަށްޓަކައި ދެތިން ދުވަހު ޓީމް ޕްރެކްޓިސް އަށް ދިއުމުން އަޅުގަނޑު އެންމެ ހިތްހަމަޖެހުނީ އީތަންގެ "ވޯކް ރޭޓް" ފެނިފައެވެ. ހުނަރު ހުއްޓަސް ގަދަ އަޅައި މަސަތްކަތް ނުކުރުމަކީ އޭގެ ސަބަބުން ހުނަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފިދާ ކަމެކެވެ. 11 އަހަރުގައި އީތަންގެ ކޮއްޓުމާއި ނެއްޓުން ފަސް ތަރި ދޭހާ މޮޅެވެ. ދަނޑުމަތީގައި އަބަދުވެސް އެހެން ކުޅުންތެރިންނާއި ގުޅިގެން ކުޅެވޭތޯ ބަލާ އީތަންގެ އެންމެ ފާހަގަކޮށްލެވޭ އެޓްރިބިއުޓް އަކީ އޭނާގެ ސްޕީޑެވެ. ކުދި ޕާސް ޖެހުމުގައި ވެސް ހުނަރުވެރި އީތަން އަކީ ޓެކްނިކަލީ ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށް ކޯޗު ކުޑަހީނާ ވެސް ވަނީ ފާހަގަކޮށްފައެވެ.

" މި ޓީމަކީ ފުދޭ ވަރަކަށް ރަނގަޅު ޓީމެއް. މީގެ ތެރެއިން ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް. ބައެއް ކުދިން ޓެކްނިކަލީ ވަރަށް ރަނގަޅު. އަނެއްބައި ކުދިން ފިޒިކަލީ މޮޅު. އެކި އެކި މަގާމުތަކަށް ފިޓްވާ ގޮތަށް މި ކުޅުންތެރިން ސެލެކްޓް ކޮށްފަ މިހިރީ. އީތަން އަކީ ވެސް މި ކުދިންގެ ތެރެއިން އެންމެ ޓެކްނިކަލީ އެންމެ ރަނގަޅު އެކަކު. މި ކުދިންނަކީ ހާއްސަ ބައެއް، " ކުޑަހީނާ ބުންޏެވެ.

ޖާޒީ ނަންބަރު 11 އަށް ކުޅޭ އީތަންގެ ފޭވަރިޓް ޕްލޭޔަރަކީ ބްރެޒިލްގެ ނޭމާ އެވެ. ނޭމާ އަކީ ކޮއްޓުމުގައި ތަފާތު އުކުޅުތައް ބޭނުންކުރުމުގައި މަޝްހޫރު ކުޅުންތެރިއެކެވެ. އީތަންގެ ކުޅުމުގެ ވައްޓަފާޅީގައިވެސް އެފަދަ ގޮތެއް ހުރެއެވެ. ދެތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެޓޭކަށް ދުވާ ފޯވަޑް އަށް އީތަން ތިރިތިރިން ދޭ ޕާސްތަކަކީ ބަލާލަން ހިތްގައިމު މަންޒަރުތަކެވެ. އެ އުމުރުގައި އެފެންވަރަށް "ޑިސިޝަން މޭކް" ކުރަން އެނގުމަކީ ވަރަށް ބޮޑު ހުނަރެކެވެ. އުފާވާން ޖެހޭ ކަމަކީ އީތަން ކުރިއަށްއޮތްތާގައި ވިޔަސް ވާނީ ރަނގަޅު ކަމެވެ. ކުޑަހީނާގެ ބެލުމުގެ ދަށުން ޒުވާން ޓީމުން ޖައްސާ ތަފާތު ޓްރެއިނިންގް ތަކުގެ ފައިދާ ލިބި މިއަދުގެ ކުޑަ ކުދިން މާދަމާ ނުކުންނާނީ ހުރިހާ ގޮތަކުން ވެސް މޮޅުވެގެންކަން ޔަގީނެވެ.

"ވަގުތު" އާއި ވާހަކަ ދައްކަމުން 11 އަހަރުގެ އީތަން ބުނީ ފުޓްބޯޅަ ކުޅެނީ ފޫހިފިލުވާލުމަށް ކުޅޭ ކުޅިވަރެއްގެ ގޮތަކަށް ނޫން ކަމަށެވެ. އީތަންގެ ނަޒަރުގައި ފުޓްބޯޅަ އަކީ އޭނާގެ މުސްތަގްބަލެވެ. އީތަން ބުނީ އޭނާގެ އަމާޒަކީ ކޮންމެވެސް ދުވަހަކުން ގައުމީ ޖާޒީގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުން ކަމަށެވެ. ޅަ އުމުރުގައިވެސް އަހްލާގީ ފެންވަރަށް އެހާ ހާއްސަ ކަމެއް ދީގެން ކުއްޖަކު ކާމިޔާބީއާ ހަމައަށް ވާސިލް ވުމަށް ކުރާ މަސަތްކަތް ފެނިފައި އަޅުގަނޑު ކޮންމެއަކަސް ވަރަށް އުފާވިއެވެ. އުމުރުން ކިތައްމެ ހަގު ނަމަވެސް އީތަންގެ ހިތުގައި ފުޓްބޯޅަ އަށް ޖެހިފައިވާ ލޯތްބާއި ފުޓްބޯޅައިގެ ވާހަކަތައް ދައްކާލާއިރު އެ ހުންނަ ހަރުދަނާކަން ކިތައްމެހާވެސް އަޅައިގަތެވެ.

" އީތަން ފުޓްބޯޅަ ކުޅިވަރު ދެކެ ވަރަށް ލޯބިވޭ. ފޫހިވެގެންނެއް ކުޅޭ ކުޅިވަރެއް ގޮތަކަށް ނޫން އީތަން ފުޓްބޯޅަ ކުޅެނީކީ. އީތަން އަށް އިނގޭ އީތަން އަށް ފުޓްބޯޅަ މޮޅަށް ކުޅެވޭކަން. އެހެންވެ ބޭނުންވަނީ އަދިވެސް ފުޓްބޯޅައިގެ އެކި އެއްޗިހި ދަސް ކުރަން. ވަރަށް ބޭނުންވޭ ގައުމީ ޓީމަށް ކުޅެން، " އީތަން އޭނާގެ ހިތުގައި ފުޓްބޯޅަ ބިންވަޅު ނެގިފައިވާ މިންވަރު ކިޔައިދިނެވެ.

އީތަން ބުނީ ފުޓްބޯޅައިން ދެވެން އޮތް އެންމެ މައްޗަކަށް ދާން ބޭނުންވާ ކަމަށާއި އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ މަންމަ އަދި ބައްޕަގެ ފަރާތުން ކަމަށެވެ. އަދި މީގެ އިތުރުން ކޯޗު ކުޑަހީނާގެ މަސަތްކަތް ވެސް އީތަން ފާހަގަކުރި އެވެ.

" އީތަން ފުޓްބޯޅައިގެ ތެރެއަށް ވަދެވުނީ މަންމަ އާއި ބައްޕަގެ ސަބަބުން. މަންމަ އާއި ބައްޕަ، ދެމީހުން ވެސް އަންނާނެ ކޮންމެ ދުވަހަކު ވެސް ޕްރެކްޓިސް އަށް. އެ ވަރިހަމަ ވާރޭ ވެހިޔަސް. ކިތައްމެ އަވިދިނަސް. މަންމަ އާއި ބައްޕަގެ ވެސް ހުވަފެނެއް އީތަން މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުން. މަންމަ އާއި ބައްޕަ ކިޔައިދޭނެ ކުރަން ޖެހޭ ކަންތަކާއި ނުކުރަން ޖެހޭ ކަންތައް. ދެން އީތަންގެ ކޯޗު. އީތަން މެންނަށް ނޭނގޭ އެއްޗިހި ކިޔައިދޭނެ. ހުރިހާ ޕްލޭޔަރުންނާއި ވެސް ވަރަށް ކްލޯޒް ކޮށް ކޯޗު އުޅެނީ. އެހެންވީމަ އަސްލު މާބޮޑަށް ވެސް ކުޅޭ ހިތްވޭ، " އީތަން ބުންޏެވެ.

ރޯލް މޮޑެލް އަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގް (ދަގަނޑޭ) ބަލަމުން އަންނަ އީތަންގެ ފޭވަރިޓް ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. ބޮޑު ވެގެން ޓީސީގެ ޖާޒީގައި ގައުމީ ދަނޑުގައި ކުޅުމަކީ ވެސް އީތަން ދެކެމުން އަންނަ ހުވަފެނެކެވެ.

ކޮންމެއަކަސް އީތަންހެން 13 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހުނަރުވެރި އެތައް ކުޅުންތެރިން އެބަތިއްބެވެ. ފުޓްބޯޅައިގެ ޖީލެއް ބިނާކުރަން އެފްއޭއެމް އިން ފަށާފައިވާ ދަތުރުގައި ކެޕްޓަނަކަށް އެހުރީ ގައުމީ ދަނޑަށް އެންމެ ގިނަ ކުޅުންތެރިންތަކެއް ގެނެސްދިން ކުޑަހީނާ އެވެ. ގައުމުގެ ފުޓުބޯޅައިގެ މުސްތަގުބަލު، ކުޑަހީނާގެ އަތްމައްޗަށް އެފްއޭއެމް އިން ދޫކޮށްލީ ފުރިހަމަ އިތުބާރާއެކު އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު

    ވީޑިއޯ ކޮޅެއް ލީނަމަ ދޯ!

    61
    • ދދދދދދ

      މިއަހަރު ނިމޭއިރު އަމިއްލަ ފްލެޓެއް ގަންނާނެތާ.

      21
      13
  2. ލެޖެންޑް

    ރާއްޖޭގެ ފުޓްބޯޅައަށް ރަނގަޅު ކުރި އެރުމެއް އަންނަން އުޅޭ ކަމުގެ ސިގްނަލެއް

    46
    4
  3. ދައްތަ

    ވަރަށް ބަސް އަހާ ރަނގަޅު ކުއްޖެއް. އީތަން އަށް ކާމިޔާބަށް އެދެން.

    71
    1
  4. މާރިޔަތު

    ވަގުތު ނޫހުގައި ވީޑިއޯ ޕަބްލިސް ނުކުރެވޭ ދޯ ؟

    21
    2
  5. ސަޕޯޓަރެއް

    ރާއްޖޭގެ ފުޓުބޯޅައިގައި ރަނގަޅު މުސްތަގުބަލެއް އެބަ އޮތް.

    16
    1
  6. ޢެސޮރު

    މޮޅުކުދިންނައްރަނގަޅުއިނާމުދޭންޒެހޭނެމިހާރުވެސްސިޑިބަރިނަތީތިބެނީކޮތަރުމެޗެއްކުޅޭގަޑީގަ

    6
    1
  7. ކޮރޮނާ

    މިރަށު ކުދިން މާމޮޅު

    5
    3
  8. އިހްލާސްތެރި ކަމާއެކުދިން ވޯޓް

    މިދިޔައަހަރުވެސް މާޓޭ ކުޅުދުއްފުށި އެކަޑަމީން ވަނީ މާލޭގެ ޓީމްތައް ބަލިކޮފަ އެކަމަކު އޭގެން ކުޅުންތެރިޔަކު ގައުމީޓީމަކު ނުހިމެނޭ ... ވެދާނެ ރާއްޖެތެރޭމީހުން ފަސްކުޅަދު މަދުވީމަ ވާގޮތެއްކަމަށް ވެސް

  9. Anonymous

    ހަބަރު ލިޔަން ވަރަށް މޮޅު!!