އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޮލަންޑް ކީޕަރު ވޮސިއެޗް ޝެޒްނީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އިއްޔެ ކްލަބާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން އިތުރު ހަތަރު އަހަރު ވަންދެން ޝެޒްނީ ޔުވެންޓަސްގައި މަޑުކުރާނެއެވެ.

ކޮންޓްރެކްޓް އާ ކުރުމަށްފަހު މީޑީއާތަކާއި ވާހަކަ ދައްކަމުން ޝެޒްނީ ބުނީ އިޓަލީގެ އެންމެ މޮޅު ކްލަބުގައި އިތުރު އަހަރުތަކެއް ވަންދެން މަޑުކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށާއި މީގެން އިނގެނީ ކްލަބުގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ އިތުބާރު އޭނާ އަށް އޮތްކަން ކަމަށެވެ.

" މިއީ ކްލަބުން އަހަންނަށް އިތުބާރު ކުރާކަން ދައްކުވައިދޭ ކަމެއް. އަހަރެން ވަރަށް އުފާވެފަ މިހިރީ. ކުރިއަށް ހުރި ހަތަރު އަހަރުގައި މި ކްލަބުގައި ހޭދަކުރާ ކޮންމެ ވަގުތަކު ވެސް އަހަރެން މަސަތްކަތް ކުރާނަން އަހަރެންގެ ބެސްޓް ދޭން. މި ފުރުސަތުގައި ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން އަހަންނަށް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރަން. މި ކްލަބުގެ ޖާޒީގައި ކުޅުނު ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް މަސަތްކަތް ކުރަމުން އައީ ކޮންމެ މެޗެއްގައި ވެސް އަހަރެންގެ ބެސްޓް ދީގެން ޓީމު މޮޅުކޮށްދެވޭތޯ، " ޝެޒްނީ ބުންޏެވެ.

އިންގްލަންޑުގެ އާސެނަލް އިން 2017 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވުމަށްފަހު ޝެޒްނީ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭއެސް ރޯމާ އަށް ކުޅެފައެވެ. ރޯމާގައި ހޭދަކުރި ދެ ސީޒަނުގައި އެ ކްލަބަށް 70 އަށްވުރެ ގިނަ މެޗު ކުޅެދިނުމަށްފަހު އެނބުރި ޔުވެންޓަސް އަށް ބަދަލުވެ ޝެޒްނީ ވަނީ އެ ކްލަބަށް މުޅިއެކު 84 މެޗު މިހާތަނަށް ކުޅެދީފައެވެ. ޔުވެންޓަސް އާއެކު ޝެޒްނީ ވަނީ އިޓަލީ ލީގް ދެ ފަހަރު، ކޮޕާ އިޓާލިއާ އެއް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

މިފަހަކަށް އައިސް ޔުވެންޓަސްގެ އެއްވަނަ ކީޕަރުގެ ގޮތުގައި ގިނައިން ފެންނަނީ ވެސް ޝެޒްނީ އެވެ. އުމުރުން 29 އަހަރުގެ ޝެޒްނީ އަށް ޔުވެންޓަސްގެ ފުރަތަމަ އެގާރައިން ޖާގަ ލިބެން ފެށީ ކްލަބަށް ގިނަ ދުވަސްތަކެއް ކުޅެދިނުމަށްފަހު 2018-2019 ވަނަ ސީޒަނަށް ޔުވެންޓަސް ދޫކޮށް ލެޖެންޑަރީ ކީޕަރު ގިއަންލުއީޖީ ބުފޮން ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ބަދަލުވުމުންނެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީން ބުފޮން އެނބުރި ޔުވެންޓަސް އަށް ބަދަލުވި ނަމަވެސް ކްލަބުގެ އެއްވަނަ ކީޕަރުގެ މަގާމް ދަމަހައްޓަމުން އަންނަނީ އަދިވެސް ޝެޒްނީ އެވެ.