އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް ބުރަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ދަތުރުކޮށްފިއެވެ.

ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން ވެސް ދާދި ފަހުން ހޯދި މާޒިޔާ އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުން ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ މައްޗަށް އަވޭ ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ.

މާޒިޔާ އާއި އަބަހާނީ މި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގް ޑާކާގައި ހުންނަ ބަންގްބަންދު ސްޓޭޑިއަމްގައި ބައްދަލުކުރި ފުރަތަމަ ލެގު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އޭގެ ފަހުން މާލޭގައި މިއަދު ހަވީރު ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި އިދިކޮޅު ގޯލަށް އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ އަބަހާނީ އިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ސާދްއުއްދީން ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު އަޒީޒީ އޯވޭސް ވަނީ މަތަކޮށްފައެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ އާއި އަބަހާނީ ބައްދަލު ކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މާޒިޔާއިން އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް އިދިކޮޅު ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މި ހާފު ނިމެން ކައިރިވެފައި ވަނިކޮށް މާޒިޔާ އިން ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ފޮނުވާލި ބާރު ހަމަލާއިން އަބަހާނީގެ ގޯލު ސަލާމަތްކޮށްދިނީ ގޯލްކީޕަރު ސަހީދުލް އާލަމް އެވެ. މިއީ މިހާފުގައި އަބަހާނީގެ ގޯލާ އަމާޒުކޮށް މާޒިޔާ އިން ފޮނުވާލި ފުރަތަމަ ހަމަލާއެވެ.

މާޒިޔާ އިން މެޗުގެ ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. މި ހާފުގެ ކުރީކޮޅު އެޓީމުގެ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން އަސަދުﷲ އަބްދުﷲ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަބަހާނީގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. މާޒިޔާ އަށް މި ހާފުގައި އަބަހާނީގެ ގޯލު ފޫއަޅުވާލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 79 ވަނަ މިނެޓުގައެވެ. އެގޮތުން ގޯލު ކުރިމަތިން ހުހަށް ހުރެ ޝާރިފް ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. މާޒިޔާ އިން ބޭކާރު ކޮށްލި ފުރުސަތުގެ ފައިދާ ނަގައި އަބަހާނީން ލީޑު ނުނެގީ ހަމަ ކިރިޔާ އެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވަޑް ރުބެލް މިޔާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު އަޒީޒީއެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާ އާއި އަބަހާނީ ބައްދަލު ކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މެޗުގެ އިތުރު ވަގުތުގައި ދެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގިއިރު، ރެފްރީ ވަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރަށް ރަތް ކާޑެއް ދައްކާ އޭނާ ދަނޑުން ފޮނުވާލާފައެވެ. މެޗަށް ފަހު ވެސް އަބަހާނީގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މާޒިޔާ އިން ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް އަބަހާނީ ބަލިކޮށްފައެވެ. މަރުޖާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން ކުޅެ އެފަހަރު އަބަހާނީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް މާޒިޔާ އިން ކާމިޔާބުކުރީ 2-0 އިންނެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ ނުވަތަ ބޫޓާނުގެ ޕަރޯ އެފްސީއާ އެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބެންގަލޫރުން ވަނީ ރަށުން ބޭރުގައި ޕަރޯގެ މައްޗަށް 1-0 އިން ކުރިހޯދައިފައެވެ. މި ދެޓީމު ވާދަކުރާ ދެވަނަ ލެގު މިރޭ ކުޅޭނެ އެވެ. ޕްލޭއޮފުން މާޒިޔާ އަށް ކުރި ލިބިއްޖެނަމަ އެޓީމު ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ. ޕްލޭ އޮފްގައި ވާދަކުރާ ދެޓީމުން ކުރި ލިބޭ ޓީމެއް ދާނީ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕަށެވެ. އެ ގްރޫޕްގައި މި ވަގުތު ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.