ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ހިދުމަތްތަކާއެކު އިތުރަށް ތަރައްގީކޮށް ކުޅުންތެރިންނަށް ހުޅުވާލައިފިއެވެ.

ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރިކަން ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިންނިން ހިދުމަތްތައް ލިބޭ ފެންވަރަށް ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ބީޗް ވޮލީ ޓްރެއިނިން ފެސިލިޓީ ކަމަށާއި މިއާއެކު ބީޗް ވޮލީބޯލް ރާއްޖޭގައި އިތުރަށް ކުރިއަރައި އާލާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބީޗް ވޮލީގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް މީގެ ކުރިން ބޭނުންކުރަމުން އައީ މާލޭގައި އޮންނަ ކޯޓެވެ.

ބީޗް ވޮލީ އަކީ ފަހަކަށް އައިސް ރާއްޖޭގައި ފޯރި ހިފަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމް ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. މުބާރާތުގެ ޓީމް އިވެންޓުން ރާއްޖޭގެ ޓީމް ރިހި މެޑަލް ހޯދީ މޮރީޝަސް، ސީޝެލްސް އަދި ކޮމޮރޯސްގެ ޕެއަރތައް ބަލިކޮށްގެންނެވެ. ޓީމް އިވެންޓުގައި ރާއްޖެ ބަލިވީ ރިޔޫނިއަން އަތުން އެކަންޏެވެ. އަދި ހަމަ އެ ގޭމްސްގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ސީޝަލްސްގެ ޕެއާ ބަލިކޮށް ލޯ މެޑަލް ހޯދާފައެވެ.

މިދިޔަ އަހަރަކީ އައިއޯއައިޖީގެ ބީޗް ވޮލީ އިވެންޓެއްގައި ރާއްޖޭން ވާދަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން 2015 ވަނަ އަހަރު މާލޭގައި ބޭއްވި އޭވީސީ ބީޗް ވޮލީބޯޅަ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި ރާއްޖޭގެ ޓީމު ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.