އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭ އޮފް ބުރުން ޖާގަ ލިބޭވަރުގެ ކުޅުމެއް ދެއްކީ މާޒިޔާ ސްޕޯޓްސް ކްލަބުން ކަމަށް ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ކޯޗު މާރިއޯ ލެމޯސް ބުނެފިއެވެ.

ރާއްޖޭގެ ޗެމްޕިއަންކަން ދާދި ފަހުން ހޯދި މާޒިޔާ އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުން ޖާގަ ހޯދީ ޕްރިލިމިނަރީ ބުރުގައި އަބަހާނީ މައްޗަށް އަވޭ ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ. މާޒިޔާ އާއި އަބަހާނީ މި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގް ޑާކާގައި ބައްދަލުކުރި ފުރަތަމަ ލެގު މެޗު 2-2 އިން ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު އޭގެ ފަހުން މާލޭގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން އަބަހާނީގެ ކޯޗު ލެމޯސް ބުނީ މާޒިޔާ ޕްލޭ އޮފް ބުރަށް ދިއުން ހައްގު ކަމަށާއި ދެ ލެގުގައި ވެސް މޮޅަށް ކުޅުނީ މާޒިޔާ އިން ކަމަށެވެ.

" ބަންގްލަދޭޝްގައި ކުޅުނު މެޗުގައި ވެސް އަދި މާލޭގައި ކުޅުނު މެޗުގައި ވެސް އަބަހާނީ އަށް ވުރެ މާޒިޔާގެ ކުޅުން ރަނގަޅު. އަހަރެމެންނަށް ލަނޑު ނުޖެހުމުގައި މައްސަލަތަކެއް އެބަ ދިމާވޭ. އެއީ މީގެ ކުރިންވެސް އަހަރެން ދައްކަމުން އައި ވާހަކައެއް. އަނެއްކޮޅުން މާޒިޔާ އަށް އިނގޭ ޕްރެޝަރުގައި ކުޅެން. އަހަރެމެންނަށް ދެ ލެގުގައިވެސް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އެއީ، " ލެމޯސް ބުންޏެވެ.

މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ އޭނާގެ ޓީމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ މައްސަލަ ކަމަށެވެ. އަދި އަބަހާނީ އަކީ މާޒިޔާ އާއި އަޅާބަލާއިރު ހުރިހާ ގޮތަކުންވެސް މަތީގައިވާ ކްލަބެއް ކަމަށާއި އަނިޔާގެ ހުރިހާ މައްސަލަތަކާއެކު ވެސް ދެ ލެގުގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށް ސެކުލޮސްކީ ބުންޏެވެ. ސެކުލޮސްކީ ބުނީ އަބަހާނީ އާއި ދެކޮޅަށް ކުޅުނު މެޗުތަކަށް ވުރެ ކުރިއަށް އޮތް ޕްލޭއޮފް މެޗުތައް އުނދަގޫވާނެ ކަމަށެވެ.

އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގައި މާޒިޔާ ވާދަކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. ބެންގަލޫރުން ވަނީ ޕްރިލިމިނަރީ ބުރުގެ ދެ ލެގުގައި ވެސް ބޫޓާނުގެ އެފްސީ ޕަރޯ ބަލިކޮށްފައެވެ. މާޒިޔާ އާއި ބެންގަލޫރު ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ. ދެ ވަނަ މެޗު އިންޑިއާގައި ކުޅޭނީ ފެބްރުއަރީ މަހުގެ 26ގަ އެވެ.