ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ތައްޔާރުވަމުން އަންނަ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ތާއިދު ކުރުމަށް ކްލަބް އީގަލްސް އިން ވެސް ނިންމައިފިއެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބުތަކުގެ ތެރެއިން ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ ވަނީ މީގެ ކުރިން މިހާރުގެ ރައީސް ބައްސާމަށް ތާއީދު ކުރައްވާނެކަން އިއުލާނުކޮށްފައެވެ.

ކުރިއަށް އޮތް އިންތިހާބުގައި ބައްސާމުގެ ފަހަތަށް އަރަން އެންމެ ފަހުން ނިންމައިފައިވަނީ މިފަހަރުގެ ދިވެހި ލީގުގެ ދެވަނަ ހޯދި ކްލަބް އީގަލްސް އެވެ. މިދިޔަ އަހަރު ކުރީ ކޮޅު އެފްއޭއެމްގެ ލީޑަޝިޕް ބަދަލު ކުރުމަށް، ކްލަބުތަކުން ހުށަހެޅި ގަރާރުގައި އެއިރު ފުރަތަމަ ޑިވިޝަން ވާދަ ކުރަމުން އައި ކުލަބުތަކުގެ ތެރެއިން ސޮއި ނުކުރަނީ އީގަލްސް އެކަންޏެވެ. އެހެންކަމުން ކުރިންވެސް އީގަލްސްގެ ތާއީދު ބައްސާމަށް ލިބޭނެ ކަމަށް އޮތީ ބެލެވިފައެވެ.

އެފްއޭއެމުގެ އެންމެ ފަހު އިންތިހާބުގައި އީގަލްސްއިން ތާއީދު ކުރީ އޭރު އިންތިހާބުގައި ބައްސާމްއާ ވާދަ ކުރި އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށެވެ. އެހެން ނަމަވެސް މިފަހަރުގެ އިންތިހާބުގައި ބައްސާމުގެ ފަހަތަށް އަރަން އީގަލްސް އިން ނިންމީ ފުޓްބޯޅަ އަށް ބައްސާމު ދެއްވަވާ އަހައްމިއްޔަތުކަމާއި ދައުރުގައި މިހާތަނަށް ކޮށްދެއްވާފައިވާ މަސަތްކަތްތަކަށް ބެލުމަށްފަހުގަައި ކަމަށް އީގަލްސް އިން މިއަދު ނެރުނު ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން، އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ހަ ކުލަބު މިހާރު އޮތީ ބައްސާމުގެ ފަހަތުގައެވެ. ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގެ އިތުރުން ދެވަނަ ޑިވިޝަނުގައި މިފަހަރު ވާދަކުރި ކްލަބް ޕީކޭ އިން ވެސް ވަނީ ބައްސާމަށް ތާއީދު ކުރުމަށް ނިންމައިފައެވެ.