މުޅި ލާމު އަތޮލަށް އަމާޒުކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބްގެ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މިމުބާރާތަކީ މާދަމާއިން އިން ފެށިގެން މިމަހުގެ 23 އަށް ކުރިޔަށް ދިއުމަށް ހަމަޖެހިފައިވާ މުބާރާތަކެވެ.

ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބްއިން "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިއަހަރުގެ މުބާރާތްވެސް އެހެން އަހަރުތަކަކޭ އެތްގޮތަށް ވަރަށް ފޯރި ގަދަވާނެ ކަމަށާއި މިއަހަރު މުބާރާތުގައި16 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރީ މުބާރާތެކޭ އެއްގޮތަށް މިމުބާރާތްވެސް ވަރަށް ފޯރިގަދަވާނެ ކަމަށް މި އުންމީދު ކުރަނީ. ފުޓްސަލްގައި އެންމެ އުހުގައި ތިބި ތަރިން މިމުބާރާތުގެ ޓީމްތަކުގައި އެބަތިބި" އެ ކްލަބްގެ ރައީސް އަޙްމަދު ނަސީޙް ބުންނެވެ.

މިމުބާރާތް ފެށުމަށް އޮންނަ ރަސްމިއްޔާތު އޮންނާނީ 14 ވަނަ ދުވަހު ހަވީރު 4:30 ޖަހާއިރުއެވެ. އަދި މުބާރާތް ފެށުމަށް އޮންނަ ރަސްމިއްޔާތަށް ދާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ 5 ފަރާތަކަށް 500 ރުފިޔާގެ އިނާމެއް ދިނުމަށްވަނީ ނިންމާފައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ، 2008 ވަނަ އަހަރު ސާފް ޝެންޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދުމުގައި މުހިންމު ރޯލެއް ކުޅުނު ސަބާޙް މުޙައްމަދު އާއި ނޭޝަނަލް ރެޑްބުލް ސްޓްރީޓް ސްޓައިލް ޗެންޕިއަންސް ސައިފް ޒާހިރު އަދި ޔޫސުފް ރަމީޒްގެ އިތުރުން، މަޝްހޫރު ލަވަ ކިޔުންތެރިޔާ ހަސަން ތަލާޤެވެ.

މިމުބާރާތަށް ޚާއްސަކޮށްގެން ލަވައެއްވެސްވަނީ ނެރެފައެވެ. އަދި މިމުބާރާތުގެ ތައްޓަކީ މުބާރާތަށް ފަރުމާކޮށްފައިވާ ތައްޓެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2020 ގެ ޗެންޕިއަން ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށްވެސް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން ހާމަކުރެއެވެ. މީގެ އިތުރުން މުބާރާތުގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ފެއަރ ޕްލޭ ޓީމް ހޮވުމަށްވެސް ވަނީ ނިންމާފައެވެ. އަދި ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާވެސް ހޮވުމަށްވަނީ ނިންމާފައެއެވެ.