ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ތައްޔާރުވަމުން އަންނަ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަށް ތާއިދު ކުރުމަށް ކްލަބް ވެލެންސިއާ އިން ވެސް ނިންމައިފިއެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބުތަކުގެ ތެރެއިން ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީގެ އިތުރުން އީގަލްސް ވަނީ މިހާރުގެ ރައީސް ބައްސާމަށް ތާއީދު ކުރައްވާނެކަން އިއުލާނުކޮށްފައެވެ.

ކުރިއަށް އޮތް އިންތިހާބުގައި ބައްސާމުގެ ފަހަތަށް އަރަން އެންމެ ފަހުން ނިންމައިފައިވަނީ ކްލަބް ވެލެންސިއާ އެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ވެލެންސިއާ މިހާރު ކުޅެމުން އަންނަނީ ދެވަނަ ޑިވިޝަނުގައެވެ. ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2018 ވަނަ އަހަރުގެ މާލޭ ލީގުގެ އެންމެ ފުލަށް ގޮސް ރެލިގޭޝަން ޕްލޭއޮފްގައި ކުޅެގެން ވެސް ބަލިވުމުންނެވެ. އެހެންނަމަވެސް ވެލެންސިއާ އިން އަންނަނީ އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ގިނަ މަސަތްކަތް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީގައި މިރޭ ޖޭޖޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެލެންސިއާ ނުކުންނާނެއެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން، އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ހަ ކުލަބު މިހާރު އޮތީ ބައްސާމުގެ ފަހަތުގައެވެ. ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބު ނޮވެންބަރު 20 ގެ ކުރިން ބާއްވަން އެއެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްއާސިފު

    ބައްސާމަށްވުރެ ބޯބޮޑު މީހަކު މިވަގުތު ފުޓްބޯޅަ މައިދާނުގަ ނެތް. ހުރިހަ އެއްޗެއް ބޮލުން ކުޅެ އެ ނިންމާލަނީ. ވާދަ ކޮއްލާނެ މީހަކުވެސް ނެތި.

  2. ކިނާން

    ކޮބާހޭ އިންޓަރ ސްކޫލް މުބާރާތް. ނުވަންޏާ އިސްތިއުފާތީ