މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ސުޕަ ޔުނައިޓެޑުން ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކްލަބް ޕާކް ކަންމަތި (ޕީކޭ)ގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ.

ގައުމީ ފުޓްބޯޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ސުޕަ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދް އެވެ. ސުޕަ ޔުނައިޓެޑުން އުފެއްދި ހަމަލާއެއްގައި ހުޒައިފަތް އަށް ލިބުނު ބޯޅަ އޭނާ ގޯލުގެ ތިރީ ކަނަށް ވައްދާލީ އެއް ފަހަރުން ޖަހައެވެ. އޭގެ ހަތަރު މިނެޓު ފަހުން ސުޕަ ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖެހީ އާދަމް ނިޒާމްއެވެ. ނިޒާމްގެ މި ލަނޑަކީ އެޓީމުގެ ކުޅުންތެރިއަކު އަރިމަތިން ނަގައިދިން ހުރަހެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޖެހި ލަނޑެކެވެ. މިއީ މުބާރާތުގައި ނިޒާމް ޖެހި ހަ ވަނަ ލަނޑެވެ.

ކްލަބް ޕާކް ކަންމަތި (ޕީކޭ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަދުގެ މެޗުގައި ޕީކޭ އަށް ސުން ކަނޑުވައިދިނީ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިއާ ބޯދު ޕްރިންސް އެވެ.

ކްލަބް ޕާކް ކަންމަތި (ޕީކޭ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސުޕަ ޔުނައިޓެޑުން ސެމީ އަށް ދަތުރު ކުރީ 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އެޓީމް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އަނެއްކޮޅުން ކްލަބް ޕީކޭ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

 

ފައިނަލުގައި ސުޕަ ޔުނައިޓެޑް ވާދަކުރާނީ ކްލަބް ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ. މިރޭ ނުވައެއް ޖަހާއިރު ކުޅޭ އެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލުގައި ސުޕަ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު އެވެ.