ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ތާވަލުގެ ތިންވަނައިގައި އޮތް ގެޓާފޭއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމަށް ލިބުނު ފުރުސަތު އެތްލެޓިކޯ މެޑްރިޑުން ނަގާލައިފިއެވެ.

ލަލީގާގައި ރޭ ވެލެންސިއާގެ ދަނޑުގައި އެޓީމާއި އެތްލެޓިކޯ ވާދަކުރި މެޗު އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ. ވެލެންސިއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މި ހާފު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް މެކްސީ ގޯމެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެބްރިއެލް ޕައުލިސްޓާ ޖެހި ލަނޑުންނެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން އެތްލެޓިކޯގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ވަނީ ވިހި ޔާޑު ދުރުން ވެލެންސިއާގެ ގޯލު ފޫއަޅުވާލައި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ޕާޓޭގެ މި ލަނޑަކީ މިސީޒަނުގައި ޕެނަލްޓީ އޭރިއާ ބޭރުން އެތްލެޓިކޯ އިން ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ވެލެންސިއާ އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކުރީ 59 ވަނަ މިނެޓުގައި ޑަނީ ޕަރޭހޯ ނަގައިދިން ހުރަހެއްގައި ޖިއޮފްރޭ ކޮންޑޮގްބިއާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަހުން މެޗު ކާމިޔާބުކުރަން ވެލެންސިއާ އަށް ރަނުގެ ދެ ފުރުސަތެއް ލިބުނު ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެވިން ގަމެއިރޯ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ރޭގެ މެޗަކީ އެތްލެޓިކޯ އިން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޕޮއިންޓް ގެއްލުވާލި ހަތަރު ވަނަ މެޗެވެ. ލަލީގާގައި އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އަމިއްލަ ދަނޑުގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އޭގެ ކުރިން ރެއާލް މެޑްރިޑާއި އެއިބާ އާއި ކުޅެ ބަލިވި އިރު ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗު ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

އެތްލެޓިކޯ މެޑްރިޑް އޮތީ 40 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އެއްވަނައިގައި އޮތީ 52 ޕޮއިންޓާއެކު ރެއާލް އެވެ. ދެވަނައިގައި 49 ޕޮއިންޓާއެކު ބާސެލޯނާ އޮތް އިރު ގެޓާފޭ ތިންވަނައިގައި އޮތީ 42 ޕޮއިންޓް ހޯދައިގެންނެވެ. އެތްލެޓިކޯއާ ކުޅެ ހޯދި ޕޮއިންޓާއެކު ވެލެންސިއާ ވަނީ މުޅިއެކު 38 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަވަނަ މަގާމަށް ކުރިއަށް ޖެހިލައިފައެވެ.