ފަސޭހަކަމާއެމު ފްރެންކްފަޓް ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑުން ޖަރުމަން ލީގުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ޑޯޓްމަންޑުގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-0 އިންނެވެ. މި ނަތީޖާއާއެކު ޑޯޓްމަންޑުން ބުންޑެސްލީގާ ތާވަލުގެ ދެވަނަ އަށް ޖެހިލީ 22 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ލީޕްޒިގަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ޑޯޓްމަންޑަށް ދެވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި އޮތީ 43 ޕޮއިންޓާއެކު ޗެމްޕިއަން ބަޔާން މިއުނިކް އެވެ. ރޭގެ މެޗުން ބަލިވި ފްރެންކްފަޓް އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.

ސިގްނަލް އިޑުނާ ޕާކުގައި ރޭ ކުޅުނު މެޗުގައި ޑޯޓްމަންޑުން ޖެހި ފުރަތަމަ ލަނޑު އަޝްރަފް ހަކީމީ ދިން ބޯޅައެއްގައި ޖެހީ ލޫކަސް ޕިޒްޝެކް އެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެ ނިމުނު އިރު އެޓީމުން ބާކީ ޖެހި ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޑޯޓްމަންޑުގެ ލީޑު ފުޅާކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިންގްލަންޑް ވިންގާ ޖޭޑަން ސާންޗޯ އެވެ. މި ލަނޑަކީ 19 އަހަރުގެ ސާންޗޯ އެންމެ ފަހުން ކުޅުނު 14 މެޗުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ސާންޗޯ ވަނީ ލީގުގައި މިހާތަނަށް މުޅިއެކު 13 ލަނޑު ޖަހައި އިތުރު 13 ލަނޑު ޖެހުމުގައި އެހީތެރިވެދީފައެވެ.

ޑޯޓްމަންޑުގެ ހަތަރު ވަނަ ލަނޑު 54 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ޖެހީ ނޯވޭގެ ޒުވާން ފޯވަޑް އާލިންގް ހާލަންޑު އެވެ. މިއީ އޮސްޓްރިއާގެ ސާލްޒްބާގުން ދާދި ފަހުން ޖަރުމަނަށް ބަދަލުވި ހާލަންޑު، ޑޯޓްމަންޑް ޖާޒީގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ޖެހި ނުވަ ވަނަ ލަނޑެވެ. ރޭގެ މެޗުގައި ޑޯޓްމަންޑުން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ޖެހީ ލެފްޓް ބެކް ރަފައެލް ގުއަރޭރޯ އެވެ.

ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑާއެކު ޑޯޓްމަންޑުން ވަނީ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު 22 މެޗުގައި މުޅިއެކު 63 ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު އެޓީމުން ވަނީ ބުންޑެސްލީގާ ސީޒަނެއްގެ ފުރަތަމަ 22 މެޗުގައި އެންމެ ގިނަ ލަނޑު ޖަހައިގެން 1973-1974 ސީޒަނުގައި ބަޔާން މިއުނިކާއި 1981-1982 ވަނަ ސީޒަނުގައި ހެމްބާގުން ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ.