އިންގްލަންޑުގެ ލިވަޕޫލް އަށް ކުޅެމުން އަންނަ ސެނެގަލް ފޯވަޑް ސާދިއޯ މާނޭގެ ޙާލަތު ރަނގަޅު ކަމަށާއި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ސައުތެމްޓަން އިން ލިވަޕޫލަށް ބަދަލު ވުމަށްފަހު އެޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ މާނޭ އަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި މާނޭ އަށް އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ. ފަލަމަސްގަނޑަށް ލިބުނު އެ އަނިޔާގެ ސަބަބުން 27 އަހަރުގެ ފޯވަޑަށް ވަނީ ލީގުގައި ވެސްޓް ހަމް އާއި ސައުތެމްޓަން އަދި އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ ރިޕްލޭ މެޗުގައި ޝްރޫސްބަރީ ޓައުންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުތައް ގެއްލިފައެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މާނޭގެ ޙާލަތު ރަނގަޅު ކަމަށާއި އޭނާ އަންނަނީ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށެވެ.

" މާނޭ އާއި މިލްނާ ވެސް އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން. އެމީހުން ރަނގަޅު ހާލަތެއްގައި ހުރުމުން އަހަރެމެން ކޮންމެ ގޮތެއްވިޔަސް ވިސްނާނަން ވީހާ ވެސް އަވަހަށް އެމީހުން ލައިގެން ކުޅެވޭތޯ. މި ދެ ކުޅުންތެރިން އައީ މިދިޔަ ހޯމަ ދުވަހުންސުރެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން. އެހެންކަމުން ނޯވިޗް މެޗުގައި ކުޅުމުގެ ފުރުސަތު އެބައޮތް. ޝަގީރީ އާއި ކްލައިން އަދި ގްލަޓްޒެލް ފިޔަވައި ދެން ތިބި އެންމެން ވެސް އަންނަނީ ޕްރެކްޓިސް ކުރަމުން. އަހަރެމެންނަށް މިހާރު އޮޕްޝަންސްތައް އެބަހުރި. މި ދުވަސްވަރަކީ ސީޒަނުގެ އެންމެ މުހިއްމު ހިސާބުކަމުން އަހަރެމެންގެ އުއްމީދަކީ މިހެން މިކަންތައް ދެމިއޮތުން، " ކްލޮޕް ބުންޏެވެ.

ކެރޯ ރޯޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ލިވަޕޫލް މިރޭ ނުކުންނަ އިރު އެޓީމު އޮތީ 22 ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. މި ސީޒަނުގައި އަދި މިހާތަނަށް ލީގު މެޗަކުން ބަލިވެފައި ނުވާ ލިވަޕޫލް އެއްވަނައިގައި އޮތީ 25 މެޗުން 73 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް 25 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.