ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން މުޅި ލާމު އަތޮލަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް ފަށައިފިއެވެ.

އިއްޔެ ހަވީރު މުބާރާތުގެ ކުޅުން ފެށިއިރު މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 23 ގެ ނިޔަލަށެވެ. މި މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާޙް މުޙައްމަދު އެވެ. ސޮބާގެ އިތުރުން ނޭޝަނަލް ރެޑްބުލް ސްޓްރީޓް ސްޓައިލް އެތްލީޓުން ކަމަށްވާ ސައިފް ޒާހިރު އަދި ޔޫސުފް ރަމީޒްގެ އިތުރުން، މަޝްހޫރު ލަވަ ކިޔުންތެރިޔާ ހަސަން ތަލާގް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ވަނީ ޖުމްލަ ހަތަރު މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ކަންމަތި ފުޓްސަލް ކްލަބާ ވާދަކޮށް މާވަށު ފުޓްސަލް ޓީމުން ވަނީ 5-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މާވަށު ޓީމުގެ ޖާޒީ ނަންބަރު 07 އާދަމް ވަޖީހު އެވެ. މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފިލޮސް އާއި އައުޓްރީފް ފުޓްސަލް ކްލަބެވެ. ވާދަވެރި ކުޅުމަކަށްފަހު އެ މެޗު 3-2 އިން ކާމިޔާބުކުރީ ފިލޮސްއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ފިލޮސްގެ ޖާޒީ ނަންބަރު 04 އިބްރާހިމް ޒިހާން އެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި ވާދަކުރީ ލެކްރޮސް ސްޕޯޓްސް ކްލަބާއި އައުޓްރީފް ސްޕޯޓްސް ކްލަބެވެ. ފުޓްސަލްގައި މިވަގުތު ރާއްޖޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންނާއެކު މުބާރާތާ ކުރިމަތިލި މި ދެޓީމު ވާދަކުރި ފޯރިގަދަ މެޗުން ކުރި ހޯދީ އައުޓްރީފް އެވެ. އައުޓްރީފް އިން މި މެޗު ގެންދިޔައީ 2-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައުޓް ރީފްގެ ޖާޒީ ނަންބަރު 25 މުހައްމަދު ރަޝީދު އެވެ.

މުބާރާތުގެ ހަތަރު ވަނަ މެޗުގައި ލާމު ބްލޫސް ވަނީ ފަސޭހަކަމާއެކު ފޮނަދޫ ޔޫތް އެސޯސިއޭޝަންގެ މައްޗަށް 8-0 އިން ކުރިހޯދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލާމު ބްލޫސްގެ ޖާޒީ ނަންބަރު 09 އިސްމާއިލް މުނީޒް އެވެ.

ޖުމްލަ 16 ޓީމާއެކު ފެށި ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2020 ގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.