ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި 19 އަހަރުގެ ވިންގާ ޖޭޑަން ސާންޗޯ އަކީ ހާއްސަ ކުޅުންތެރިއެއް ކަމަށް ޕީއެސްޖީގެ ފޯވަޑް ނޭމާ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޑޯޓްމަންޑާއި ޕެރިސް ސެއިންޓް ޖަމެއިން ވާދަކުރާ މެޗާ ބެހޭގޮތުން މީޑިއާތަކާއި ވާހަކަ ދައްކަމުން ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ބުނީ ޑޯޓްމަންޑަކީ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ހާއްސަ ކުޅުންތެރިއަކީ ސާންޗޯ ކަމަށެވެ. ނޭމާ ބުނީ ސާންޗޯ ކުޅޭތަން ބަލަން އަބަދުވެސް ފޯރި ހުންނަ ކަމަށާއި އޭނާ އަކީ މެޗުގެ ނަތީޖާ އަނބުރާލުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ. ނޭމާ އިތުރަށް ބުނީ ޑޯޓްމަންޑަކީ ޕީއެސްޖީއެކޭ އެއްފަދައިން އެޓޭކަށް ވިސްނައިގެން ކުޅޭ ޓީމެއް ކަމުން މި ދެޓީމު ވާދަކުރާ މެޗު ވަރަށް ފޯރިގަދަވާނެ ކަމަށެވެ.

" ޑޯޓްމަންޑުގައި މުޅިންވެސް އެތިބީ ކޮލިޓީ މޮޅެތި ކުޅުންތެރިން. މެޗު ތަކުގެ ނަތީޖާ ބަދަލު ކޮށްލެވޭ ވަރުގެ ގާބިލުކަން ލިބިފައިވަ ވަރަށް ތަފާތު ކުޅުންތެރިއެއް އެބަތިބި. އޭގެ ތެރެއިން ވެސް ވަރަށް ހާއްސަ ކުޅުންތެރިއަކު އެބަހުރި. އެއީ ސާންޗޯ. އަހަރެން ވަރަށް ބަލާހިތްވޭ ސާންޗޯ ކުޅޭތަން. ވަރަށް ހުނަރުވެރި ކުޅުންތެރިއެއް އޭނާ އަކީ. ސާންޗޯހެން އަދިވެސް އެޓީމުގައި އެބަތިބި ފެންވަރު ރަނގަޅު ކުޅުންތެރިން. މި ދެޓީމަކީ ވެސް ފުދޭވަރަކަށް އެޓޭކު ރަނގަޅު ދެ ޓީމް. އެހެންކަމުން މި މެޗަކީ ފުޓްބޯޅަ ސަޕޯޓަރުންނަށް ބަލާލަން ހިތްގައިމު މެޗަކަށް ވާނެ، " ނޭމާ ބުންޏެވެ.

ސާންޗޯ ވަނީ މި ސީޒަނުގައި މިހާތަނަށް ބުންޑެސްލީގާގައި 12 ލަނޑު ޖަހައި އިތުރު 13 ލަނޑު ޖެހުމުގައި އެހީތެރިވެދީފައެވެ. ޑޯޓްމަންޑު ޖާޒީގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ މަޝްހޫރު ކްލަބުތަކުގެ ލޯ ސާންޗޯ އަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެލްސީން ވެސް އަންނަނީ ސާންޗޯ އަށް ފާރަ ލަމުންނެވެ.

ޖަރުމަނުގެ ސިގްނަލް އިޑުނާ ޕާކުގައި ޑޯޓްމަންޑާއި ޕީއެސްޖީ ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޑޯޓްމަންޑުން މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ބާސެލޯނާގެ ފަހަތުން ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަނެއްކޮޅުން ޕީއެސްޖީން ދެވަނަ ބުރަށް ކޮލިފައިވީ ރެއާލް މެޑްރިޑް ފަހަތައް ޖައްސާލައި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.