ހުޅުމާލޭގައި އަޅާފައިވާ ބީޗްވޮލީ ކޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށް، ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފި އެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ހިދުމަތްތަކާއެކު ބީޗް ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށްފައިވާކަން އިއުލާނު ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް އެވެ. އޭގެ ފަހުން މިއަދު ހަވީރު ހުޅުމާލޭ ރެޑްބުލް ޕާކުގައި ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސްގެ އިތުރުން މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހުލޫފްގެ ޕެއާ ވަނީ ގައުމީ ބީޗް ވޮލީ ބޯޅަ ޓީމާ ދެކޮޅަށް ހާއްސަ މެޗެއް ކުޅެފަ އެވެ. ޝިއުނާޒް އަޙްމަދު އަދި އަޙްމަދު ޢަލީ ހިމެނުނު ގައުމީ ވޮލީ ޓީމުން މި މެޗު ކާމިޔާބުރީ 5-3 އިންނެވެ. އެއަށްފަހު ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، މިނިސްޓަރު މަޙްލޫފު ހިމެނޭ ގޮތަށް ސްޕޯޓްސް މިނިސްޓްރީގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ދެމެދު މެޗެއް ކުޅުނެވެ. މި މެޗު 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.

ބީޗް ވޮލީ އަކީ ފަހަކަށް އައިސް ރާއްޖޭގައި ފޯރި ހިފަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމް ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި ހަމަ އެ ގޭމްސްގެ އިންޑިވިޖުއަލް ބައިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ލޯ މެޑަލް ހޯދައިފައެވެ.

ހުޅުމާލޭގައި ތަރައްގީ ކުރެވިގެންމިދިޔަ ބީޗް ވޮލީ ކޯޓާއެކު ގައުމީ ބީޗް ވޮލީ ކުޅުންތެރިންނަށް ގިނަގުނަ ލުއި ފަސޭތަކެއް ލިބިގެންދާނެއެވެ. އައިއޯއައިޖީ އަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ބީޗް ވޮލީ ޓީމުން ފަރިތަކުރުންތައް ގެންދިޔައީ ވެސް މި ކޯޓުގައިކަން ފާހަގަކޮށްލެވެއެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ކޯޓުގެ ފަސްގަނޑު ބައިނަލްއަގުވަމީ ފެންވަރަށް ބަދަލު ކުރުމުން މުބާރަތްތަކަށް ކުޅުންތެރިން ތައްޔާރު ވުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ބީޗް ވޮލީ ޓްރެއިނިން ފެސިލިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނދިރި އަނިދިރިން

    އިންޓާނޭޝަނަލްވީ މަ ވެލިގަޑުއޮންނަންޖެހެނީ މުށިކުލައިގަތަ.. މިއޮށްއަގުބޮޑު ރީތި ހުދު ވެލިއިތް ގައު މަކަށް ކަޅުވެލި ލެވު މުންތަ އިންޓަނޭޝަނަލްވަނީ..ނޭގޭތީ އަހާލީ.. މިގައު މުން ވެލިގެންގޮސްގެން އެހެންގައު މުތަކުގަ ވެލިލާއިގެންތިބެ މޯލްޑިވްސްކިޔާ ރިސޯޓް ހޮޓާހަދާ އިޝްތިހާރުކުރާއިރު މިގައު މުގަ ބީޗްވޮލީކޯޓް އިންޓާނޭޝަން ކުރެވުނީ އިންޑިޔާގެ މުށިވެލިން. މީކޮންގޮތަކަށް ކުރެވުނުކަ މެއްބާ ރާއްޖޭގެ ދޮންވެލީގަ އިންޓާނޭޝަން މާއްދާތައް ނެތީތަ...

  2. ލަބީބު

    ބަލަގަ ތިޔައީ ރައީސް ޔާމީންކޮށްފައޮތް މަސައްކަތެއް! ހިލަވެލިކޮޅެއް އަޅާފަ ހުޅުވާފަ ރިބަންކެނޑިނަމުގައި ތި އެޅުނީ!