އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ނޯވިޗް ސިޓީ އަތުން ހޯދި މޮޅާއެކު ލިވަޕޫލް އިން ލީގުގެ އެއްވަނައިގައި 25 ޕޮއިންޓުގެ ބޮޑު ލީޑެއް ނަގައިފިއެވެ.

ރޭ ކެރޯ ރޯޑުގައި ލިވަޕޫލް އިން ހޯދި މޮޅަކީ ލީގުގައި ޖެހިޖެހިގެން އެޓީމުން ހޯދި 17 ވަނަ މޮޅެވެ. ޕްރެމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ކާމިޔާބުކުރި ޓީމުގެ ރެކޯޑު އޮތީ 18 މޮޅާއެކު މެންޗެސްޓަ ސިޓީ އަތުގައެވެ. އެޓީމުން މި ރެކޯޑު ހެދީ 2017-18 ވަނަ ސީޒަނުގައެވެ. އެހެންކަމުން ސިޓީގެ ރެކޯޑާ އެއްވަރު ކުރުމަށް ލިވަޕޫލަށް ބޭނުންވަނީ އެންމެ މޮޅެކެވެ. ރޭގެ މޮޅާއެކު ލިވަޕޫލަށް ވަނީ 26 މެޗުން 76 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 25 މެޗުން 51 ޕޮއިންޓެވެ. ނޯވިޗް އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

ރޭ ލިވަޕޫލާއި ނޯވިޗް ބައްދަލުކުރި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ލިވަޕޫލް އިންނެވެ. އެހެން ނަމަވެސް ދެ ހާފުގައިވެސް ލިވަޕޫލްގެ ގޯލު ފޫއަޅުވާލަން ނޯވިޗަށް ފުރުސަތުތައް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ނޯވިޗްގެ ފަހަތުން އެޓީމުގެ ކުޅުންތެރިއަކު ދިން ދިގު ބޯޅައިގައި ލިވަޕޫލްގެ ޑިފެންސް ބީޓްވި ނަމަވެސް ޓީމު ޕުއްކީ އަށް ލޫކަސް ރަޕް ޖައްސާލި ބޯޅަ ލިބުމުގެ ކުރިން ކީޕަރު އަލިސަން ބެކާ ވަނީ އެ ބޯޅަ އަތުން ނަގައިފައެވެ. މި ހާފުގައި ލިވަޕޫލުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވަޑް ރޮބާޓޯ ފިރްމީނޯ އަށެވެ. އެގޮތުން މެޗުގެ ކުރީކޮޅު ހެންޑަސަން ނަގައިދިން ހުރަހެއްގައި އެއް ފަހަރުން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ފިރްމީނޯ ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ނޯވިޗްގެ ޑިފެންޑަރުން ވަނީ އެ ހަމަލާ ބްލޮކް ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ނޯވިޗް އިން ލަނޑެއް ޖެހުމާއި ގާތަށް ޖެހިލި އެވެ. އެހެން ނަމަވެސް މިޑްފީލްޑަރު ޓޮޑް ކާންޓްވެލް އަރިމަތިން ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ. ލިވަޕޫލް އިން ދެވަނަ ހާފުގައި އެޓީމުގެ އެޓޭކް ވަރަށް ބޮޑަށް ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. އެގޮތުން މުހައްމަދު ސަލާހު އާއި ނަބީ ކެއިޓާ ފޮނުވާލި ހަމަލާތަކުން ނޯވިޗްގެ ގޯލު ސަލާމަތްކޮށްދިނީ ކީޕަރު ކްރޫލް އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ނޯވިޗް އިން އިތުރު ހަމަލާއެއް ލިވަޕޫލްގެ ގޯލަށް ފޮނުވާލި އިރު މިފަހަރު މިޑްފީލްޑަރު އެލެގްޒަންޑާ ޓެޓޭ ފޮނުވާލު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ލިވަޕޫލުން ލީޑު ނެގީ 78 ވަނަ މިނެޓުގައި ހެންޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާދިއޯ މާނޭ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެއްގައި ގޯލު ކުރިމަތިން ހުހަށް ހުރެ ފިރްމީނޯ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ލިވަޕޫލަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ސްޕެއިންގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅެން އޮތް މެޗެވެ.