އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެމްޕިއަން ބަޔާން މިއުނިކް އިން ޖަރުމަން ބުންޑެސްލީގާގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ކޮލޯންއާ ވާދަކޮށް ބަޔާން މޮޅުވީ 4-1 އިންނެވެ. ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ވާޑާ ބްރޭމަންގެ މައްޗަށް 3-0 އިން ކުރިހޯދައި ލީޕްޒީގް ވަގުތީ ގޮތުން ބުންޑެސްލީގާގެ އެއްވަނަ އަށް ޖެހިލި ނަމަވެސް ރޭގެ މޮޅާއެކު ބަޔާނުން ވަނީ ޕޮއިންޓެއްގެ ފަރަގަކުން އަލުން އެއްވަނަ އަށް އަރައިފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ބަޔާނަށް 46 ޕޮއިންޓު ލިބިފައިވާއިރު، 22 މެޗުން ލީޕްޒީގަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބޮރޫޝީއާ ޑޯޓްމަންޑާއި ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.

ރޭ ކޮލޯން އާ ބައްދަލުކުރި މެޗުގައި ބަޔާނުން ޖެހި ފުރަތަމަ ތިން ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާނުގެ ފުރަތަމަ ލަނޑު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ޕޮލިޝް ސްޓްރައިކަރު މިސީޒަނުގައި މިހާތަނަށް ކާމިޔާބުކުރި 40 ވަނަ ލަނޑެވެެ.

ލެވަންޑޯސްކީ އޭނާގެ 22 ވަނަ ލީގު ލަނޑު ޖެހިތާ ދެ މިނެޓު ފަހުން މުލާ އުފެއްދި އިތުރު ހަމަލާއެއްގައި ބަޔާންގެ ލީޑު ފުޅާކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޖޯޝުއާ ކިމިޗްގެ އެހީތެރިކަމާއެކު ޒުވާން ފޯވަޑް ސާޖް ގްނަބްރީ އެވެ.

ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ގްނަބްރީ ވަނީ އިތުރު ލަނޑެއް ޖަހައި ބަޔާންގެ ލީޑު ހަތަރަކަށް ފުޅާކޮށްފައެވެ. އޭގެ ފަހުން ކޮލޯން އަށް ސުންކަނޑުވައިދިން ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ކައިންޒް ދިން ބޯޅައެއްގައި މިޑްފީލްޑަރު މާކް އުތް އެވެ. ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓު ތެރޭ ކޮލޯން އިން ދެ ފަހަރެއްގެ މަތިން ބަޔާނުގެ ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ އެ ލަނޑުތައް ބާތިލް ކުރީ އޮފްސައިޑް ކަމަށް ބުނެއެވެ.

ލީގުގައި ބަޔާނަށް ދެން ކުރިއަށް އޮތީ ތާވަލުގެ ފުލުގައި އޮތް އެސްސީ ޕަޑާބޯންއާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން އޭގެ އަނެއް ދުވަހު ކޮލޯން ނުކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.