ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން ލާމު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކުން ސިކްސް ސެންސަސް ލާމު، އެފްސީ ފްރެގްމެންޓްސް، ރެޑްބުލް އެފްސީ އަދި ލާމު ޔޫތު ޑިވެލޮޕްމެންޓް (އެލްވައިޑީ) މޮޅުވެއްޖެއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ކަންމަތި ސްޕޯޓްސް ކްލަބާއި ސިކްސް ސެންސަސް ލާމު އެވެ. މި މެޗު ސިކްސް ސެންސަސް ލާމު ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 4-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ސިކްސް ސެންސަސް ލާމުގެ ޖާޒީ ނަންބަރު 11 އަހުމަދު ސޮބާހު އެވެ. ސޮބާހު ވަނީ މި މެޗުގައި ތިން ލަނޑު ޖަހައިފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އެފްސީ ފްރެގްމެންޓްސް އާއި ހިތަދޫ އެފްސީ އެވެ. މި މެޗު ފްރެގްމެންޓުން ކާމިޔާބުކުރީ 6-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ލަނޑު ކާމިޔާބުކުރި ފްރެގްމެންޓްސްގެ ޖާޒީ ނަންބަރު 11 މޫސާ ހާނިމް އެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ރެޑްބުލް އެފްސީން ވަނީ ހޭޅި އަތުން 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ރެޑްބުލް ޓީމުގެ ޖާޒީ ނަންބަރު 10 އަބްދުލް މަތީން އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފައެވެ. ރޭގެ ފަހު މެޗުގައި ކްލަބް 2 އެތްލެޓިކްސްއާ ވާދަކޮށް އެލް ވައި ޑީން ވަނީ 5-2 އިން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ލަނޑު ކާމިޔާބުކުރި އެލް ވައި ޑީގެ ޖާޒީ ނަންބަރު 10 އަލީ ފަރުހާން އެވެ.

މި މުބާރާތުގައި މިއަދު ވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ކަންމަތި އެފްސީ އެވެ. އޭގެ ފަހުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ފޮނަދޫ ޔޫތު އެސޯސިއޭޝަން ނުކުންނާނީ އައުޓްރީފް އެފްސީއާ ދެކޮޅަށެވެ. މިރޭގެ ދެވަނަ މެޗުގައި ލެކްރޮސް ސްޕޯޓްސް ކްލަބާއި މާވަށު ފުޓްސަލް ޓީމު ވާދަކުރާއިރު ފަހު މެޗުގައި ފިލޮސް އެފްސީ ނުކުންނާނީ ލާމު ބްލޫސްއާ ދެކޮޅަށެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.